18 ފެބުރުއަރީ 2018 - 06:33

ކޮމްޕިޔުޓަރުން ކުރާ މަސައްކަތަކީ ހަމައެކަނި މޭޒުދޮށުގައި އިނދެގެން މިހާރު ކުރާ މަސައްކަތެއް ނޫނެވެ. ފަރުބަދަމަތީގަ އާއި ކަނޑުމަތީގަ އާއި ހަގުރާމަމަތީ ވެސް ކޮމްޕިޔުޓަރުގެ ބޭނުންކުރަންޖެހިދާނެއެވެ. ޕެނެސޮނިކް ޓަފްބުކް 20 އަކީ ސީދާ ބޭރުތެރޭ ގެންގުޅެން ފަރުމާކޮށްފައިވާ ލެޕްޓޮޕް ޓެބްލެޓެކެވެ.
ބަލައިލަން ރީތި ނޫނަސް މިއީ ވަރުގަދަ ލެޕްޓޮޕެކެވެ. 4 ފޫޓު މަތިން ވެއްޓުނަސް ފަޅައިގެން ނުދާހާ ތޮށިގަނޑު ވަރުގަދައެވެ. ވާރޭގައި ވެސް ކަނޑުމަތީގައި ވެސް ފެނުގައި، ހަލާކު ނުވެ ގެންގުޅެވެއެވެ. ކޮންމެ ތާކު، ކޮންމެ ހާލެއްގައި ވެސް ބަރާބަރަށް މަސައްކަތްކޮށްދެއެވެ. އިތުރަށް ފަސޭހަކޮށްދެނީ އެއް ތަނުން އަނެއް ތަނަށް އުފުލަން އަތްގަނޑެއް ހުންނާތީއެވެ.
ޕެނެސޮނިކް ޓަފްބުކް 20 ގައި އަޅުވާފައި ހުންނަނީ 10.1 އިންޗީގެ އައިޕީއެސް ޑިސްޕްލޭ ސްކްރީނެކެވެ. އަންގި ލައްވައިގެންނާއި ނުލައްވާ ވެސް ޓަޗްސްކްރީން މަސައްކަތް ކުރެއެވެ. މީގެ އިތުރުން ސްޓައިލަސްގެ ބޭނުން ވެސް ކުރަންޖެހެއެވެ. އެއީ މި ޓަފްބުކް ބޮޑަށް އަމާޒުކޮށްފައި ވަނީ އާދައިގެ ނޯޓުފޮތެއްގައި ގަލަމަކުން ނޫނީ ފަންސޫރަކުން ލިޔާ ގޮތަށް މަސައްކަތްކުރާ ގޮތަށް ކަމަށްވާތީއެވެ. ލެޕްޓޮޕެއް ގޮތަށް ބަހައްޓައިގެން ބޭނުންކުރަން އުނދަގޫވެއްޖެ ހާލަތެއްގައި ސްކްރީން ވަކިކޮށްލެވޭނެއެވެ. އޭރުން އެ ބަދަލުވީ ހަމަ އެހާ ގަދަފަދަ ޓެބްލެޓަކަށެވެ.
އިންޓަލް ކޯ އައި5 ޕްރޮސެސަ ބޭނުންކޮށްގެން މަސައްކަތްކުރާ މި ޓަފްބުކްގެ ރޭމްގައި 16 ޖީބީ ހުރެއެވެ. މީގެ އެސްއެސްޑީ ސްޓޯރޭޖުގައި 512ޖީބީ ހިމެނެއެވެ. މިއީ މަސައްކަތު މާހައުލަށް ފަރުމާކޮށްފައިވާ ކޮމްޕިޔުޓަރަކަށްވާތީ އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ވާތަކާއި ޕޯޓުތައް މީގައި ހުރެއެވެ.
މީގެ އެންމެ ޚާއްޞަ ކަމަކީ ބެޓެރީ ޗާޖުކުރަން މަޑުކުރުމުގެ ބަދަލުގައި ބެޓެރީ ބަދަލުކުރެވޭކަމެވެ. ބަދަލުކުރާ ބެޓެރީގައި ނުވަ ގަޑިއެއްހާ އިރު ބޭނުންކުރެވެއެވެ. އެހެންވީމަ ޗާޖުކޮށްފައި ހުރި ދެތިން ބެޓެރީ ދަބަހުގައި ރައްކާކޮށްގެން ކަރަންޓާ ނުލައި ހަފުތާއެއްހާ ދުވަހު މި ލެޕްޓޮޕުން މަސައްކަތްކުރެއެވެ
ޕެނެސޮނިކް ޓަފްބުކް 20 ވިއްކަނީ 3100 ޑޮލަރުން ފެށިގެން މަތީ އަގުތަކުގައެވެ.