ޓްވިޓާ އެކައުންޓުތައް ސަސްޕެންޑް ކުރީ ހަޖަމު ނުކުރެވިގެން: ޕީޕީއެމް
ޓްވިޓާ އެކައުންޓުތައް ސަސްޕެންޑް ކުރީ ހަޖަމު ނުކުރެވިގެން: ޕީޕީއެމް

ވެރިކަން ކުރާ ޕީޕީއެމް އަށް ތާއީދުކުރާ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކުރީ "ހައިޖާނު އުފައްދާ" ބަޔަކަށް "ހަޖަމު" ނުކުރެވިގެން ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ އެކައުންޓްތައް ސަސްޕެންޑް ކުރީ ސްރީ ލަންކާގައި ހުންނަ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ.

ޕީޕީއެމަށް ތާއީދުކުރާ އެކައުންޓުތައް ސަސްޕެންޑް ކުރަނީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުވެފައި އޮތްކަމާއި ރާއްޖޭގެ "ހަގީގީ މަންޒަރު" ޓުވިޓާ އެކައުންޓުތަކުން ހާމަކޮށްދެމުން އަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ނަމުގައި ހައިޖާނު އުފައްދައި، މި ސަކަރާތް ޖަހާ މީހުންނަށް ހަޖަމު ނުކުރެވިގެން މި އުޅެނީ. ހަޖަމު ނުކުރެވިގެން ބަޔަކު މީހުން ލައްވައި ކުރުވާ ކަމެއް ކަމަށް ހަބަރު ލިބެނީ،" އާރިފް ވިދާޅުވި އެވެ.

"ދުއިސައްތައެއްހާ ޓުވިޓާ ޑައުންވީމަ، ދެން އާ އެކައުންޓެއް ނުހެދޭނީތޯ؟ އެ ވަރަށް މީހުން ތަންދޮރު ނޭނގެނީތޯ؟ ފަހަރެއްގައި އެ ނަމުގައި އޮތް އެތި ސަސްޕެންޑް ވެދާނެ، އަނެއްކާ ލިބެން ވެސް ލިބޭނެ،"

މީގެ އިތުރުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓީވީއެމާއި ޗެނަލް 13ގެ ސެޓަލައިޓް ޑައުންކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަންނަ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ "ބަޣާވާތުގެ" ބައިވެރިން ޖަހަމުން އަންނަ ސަކަރާތާއި ރާއްޖޭގެ ހާލަތު ދުނިޔޭގެ އެންމެންނަށް ވެސް އެނގެމުންދާ ކަމަށެވެ. ރާއްޖެއަކީ އަމަންއަމާން ގައުމެއް ކަމަށާއި ނުރައްކާތެރި ގައުމެއް ނަމަ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ މެޗެއް ނުކުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް އެ އިޝަރާތް ކުރެއްވީ އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ގަލޮޅު ދަނޑުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ކުޅެމުންދާ މެޗަށެވެ.

ސަސްޕެންޑް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމާއި އަސުރުމާ އަދި ބައެއް ކޯޑިނޭޓަރުންގެ ޓްވިޓާ އެކައުންޓްތައް ހިމެނެ އެވެ.