13 ފެބުރުއަރީ 2018 - 14:01

ނުކުއަލޮފާ (ފެބްރުއަރީ 13) - ޕެސިފިކުގެ ގައުމެއް ކަމަށްވާ ޓޮންގާ އަށް އެރި ބާރުގަދަ ތޫފާނެއްގައި އެ ގައުމުގެ ޕާލަމެންޓް އިމާރާތް ބިމާ ހަމަވެއްޖެ އެވެ.

މިއީ ވޭތުވެދިޔަ 60 އަހަރު ދުވަހު ތެރޭ ޓޮންގާ އަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ގީތާގެ ނަންދީފައިވާ ކެޓަގަރީ ހަތަރެއްގެ ބާރު މިނުގެ ތޫފާނުގެ ގަދަ ވައިގައި ވަނީ ގިނަ ގެތަކުގެ ފުރާޅު އެއްލާލާ އަދި ކަރަންޓް ދަނޑިތައް ވެއްޓިފަ އެވެ. ޔޫކޭ މެޓް އޮފީހުން ބުނެފައި ވަނީ ޓޮންގާ އަށް އެރި ތޫފާނުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 200 ކިލޯ މީޓަރު (124 މޭލު) ގެ ބާރު މިނުގައި ކަމަށެވެ.
ތޫފާނުގައި ވެއްޓުނު ޓޮންގާގެ ޕާލަމެންޓް އިމާރާތަށް ވަނީ 100 އަހަރުވެފަ އެވެ.
ތޫފާން އަރާތީ ޓޮންގާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ވަގުތީ ހިޔާތައް ވަނީ ގާއިމްކޮށްފަ އެވެ.
ފިޖީގެ އިރުން އަދި ނިއު ޒީލެންޑުގެ އުތުރުން ޕެސިފިކުގައި އޮންނަ ޓޮންގާ އެކުލެވިގެން ވަނީ 170 ރަށުގެ މައްޗަށެވެ. ގީތާ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ފިޖީއާ ދިމާލަށެވެ. އެ ތޫފާން ކެޓަރީ ފަހަކަށް މިއަދު ބަދަލުވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.