ބަންދުގައި ތިބޭ މީހުންނަށް ވަކީލުންގެ ފުރުސަތު މިހާރު ވެސް ދެން: ފުލުހުން
ބަންދުގައި ތިބޭ މީހުންނަށް ވަކީލުންގެ ފުރުސަތު މިހާރު ވެސް ދެން: ފުލުހުން

ބަންދުގައި ތިބޭ މީހުންނަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަަކަކީ ދޮގެއް ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތަސް، އެ ފުރުސަތު ދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ތިން ޓުވީޓެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ބަންދުގައި ތިބޭ މީހުންނާއި ވަކީލުންނާ ބައްދަލު ކުރުމަށް، ކޮންމެ ދުވަހަކު 30 މިނެޓުގެ ވަގުތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަދި މިގޮތަށް 30 މިނެޓުގެ ފުރުސަތު ދެވޭނީ ކުށުގެ ތުހުމަތުގައިވާ ފަރާތުން އޭނާގެ ވަކީލާ ބައްދަލުކުރަން އެދެފިނަމަ، ބަންދުގައިވާ ފަރާތްތަކާ ތަހުގީގަށް ސުވާލު ނުކުރާ ދުވަސްތަކުގައި ކަމުގައި ދަންނަވަން،" ފުލުހުންގެ ޓުވީޓުގައި ބުނެފައިވެ އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލުމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހިމެނެ އެވެ.

އޭގެ އިތުރުންވެސް ބައެއް މީހުން ހައްޔަރު ކޮށްފައިވާ އިރު އެ މީހުންނަށް ގާނޫނުން ކަނޑައަޅާފައިވާ ހައްގުތައް ނުލިބޭ ކަމަށް ބުނެ އެ މީހުންގެ ގާނޫނީ ވަކީލުންނާއި އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.