13 ފެބުރުއަރީ 2018 - 13:39

ކޮކްސް ބާޒާރު (ފެބްރުއަރީ 13) - ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ދިރިއުޅޭ ރޮހިންޖާ ރެފިއުޖީންނަށް ލިބޭ އެހީ ވިއްކަން ފަށައިފި އެވެ.

ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 650،000 މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކެއް ނުލިބެ އެވެ. އަސާސީ ބައެއް ތަކެތި ނުލިބޭތީ ގިނަ ރެފިއުޖީން މިހާރު ހަދާ ގޮތަކީ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ލިބޭ އެހީތައް ވިއްކައިގެން ފައިސާ ހޯދުމެވެ. ރެފިއުޖީން ބުނަނީ މަހާއި ތަރުކާރީ ފަދަ ތަކެތި އެ މީހުން ގަންނަން ބޭނުންވާ ކަމަށެވެ.
ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ބައެއް މީހުން ރޯދަ އަށް ތިބޭތީ ވެސް ޑަބްލިއުއެފްޕީން ދޭ އެހީތައް ބާކީވެ އެވެ. އެހެންވެ އެ މީހުން ހަދާ ގޮތަކީ ބާކީވާ އެހީގެ ތަކެތި ވިއްކަނީ އެވެ.
ބައެއް ރެފިއުޖީން ބުނި ގޮތުގައި ފައިސާ ހޯދުމަށް ޓަކައި އެ މީހުންގެ އަތުގައި ހުރި ގަހަނާތައް ވެސް ވަނީ ނުއަގުގައި ވިއްކައިފަ އެވެ. އެއް ރެފިއުޖީއަކު ބުނި ގޮތުގައި ޑަބްލިއުއެފްޕީން ދިން އެހީ އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން ވިއްކައިފަ އެވެ.
ރޮހިންޖާ ރެފިއުޖީންނަށް ދޭ އެހީ ވިއްކަން އެ މީހުން ދަނީ ބަންގްލަދޭޝްގެ ކޯޓް ބާޒާރަށެވެ. އެހީ ވިއްކަން އުޅުނު ބައެއް ރެފިއުޖީން ފުލުހުން މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ފައިސާ ދިނުމުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ޑަބްލިއުއެފްޕީން ބުނީ އެ ޖަމާއަތުން އެހީ ދިނުމަށް ފަހު އެއަށް ދެން ހަދާނެ ގޮތެއް އެނގޭނީ ރެފިއުޖީންނަށް ކަމަށެވެ. އަދި ރެފިއުޖީން ކައިފައި ބާކީވާ ބައި ވިއްކަނީ އަސާސީ އެހެން ތަކެތި ގަންނަން ކަމަށް ވަންޏާ މައްސަލައެއް ނެތް ކަމަށް ވެސް ޑަބްލިއުއެފްޕީން ބުނެފައިވެ އެވެ.
ރެފިއުޖީންގެ ގިނަ އަދަދެއްގެ މީހުން ބަންގްލަދޭޝް އަށް އެތެރެވެފައި ވަނީ ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން މިދިޔަ އަހަރު ފަހުކޮޅު ހިންގަން ފެށި އަނިޔާވެރި އަމަލުތަކާ ގުޅިގެންނެނެވެ.