15 ފެބުރުއަރީ 2018 - 06:28

"އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ އެންމެ 20 މިނިޓް ތެރޭގައި،" ޓެނާ ބްރޯޑްވެލް ބުންޏެވެ.
ޓެނާ އާއި އަންހެނުން ނިކީ ވޯލްޝް އާދައިގެ ކުޑަ ބޯޓެއްގައި ދުނިޔެ ބަލައިލުމުގެ ދަތުރެއް ފެށީ އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލައި އަތުގައި ހުރި ނަމަ ހުރި މުދަލެއް ވެސް ވިއްކާލުމަށް ފަހުގަ އެވެ. ނަމަވެސް ދަތުރަށް އެންމެ ދެ ދުވަސް ވީތަނާ ބޯޓު އަޑިއަށް ގޮސް، ދެމީހުންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ.
އެމެރިކާގެ މި ދެމަފިރިން 28 ފޫޓުގެ ބޯޓެއްގައި ދަތުރުފެށީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް ދަތުރުގެ ދެ ވަނަ ދުވަހު ގަލްފް އޮފް މެކްސިކޯގެ މަޑީރާ ބީޗް ކައިރިއަށް ބޯޓު އަޑިއަށް ދިޔައީ އެވެ.
ބޯޓުގައި ދަތުރުކުރަނިކޮށް ކުއްލިއަކަށް ފުލުގައި އެއްޗެއް ޖެހި ބޯޓު ފަޅައިގެން ގޮސް ކަނޑަށް ފުންމާލަން އެމީހުންނަށް މަޖުބޫރުވީ އެވެ. ބޯޓުން ފުންމާލިއިރު އެމީހުންނަށް އަތުޖެހުނީ ދެ އަހަރުގެ ކުއްތާ ރެމީ އާއި ސޯޝަލް ސެކިއުރިޓީ ކާޑުތައް އަދި މޮބައިލް ފޯނަކާއި ކުއްތާގެ ކާނާ އަދި އަންނައުނުކޮޅެކެވެ.
މި ހާދސާއަށް ފަހު ދަ އިންޑިޕެންޑެންޓް ނޫހާ ވާހަކަ ދައްކަމުން މި ދެމަފިރިން ބުނީ ޒަމާނީ ދިރިއުޅުން ދެކެ ފޫހިވެގެން ބޯޓެއްގައި ދަަތުރުކޮށްލަން އެމީހުން ގަސްތުކުރީ ކަމަށެވެ. ކޮލަރާޑޯގެ ބްރެކްއެންރިޖްގައި ދިރިއުޅުނު މި ދެމަފިރިން އެތަން ދޫކޮށް ދަތުރަށް ނުކުތީ މިދިޔަ އަހަރު އެވެ.
ބްރޯޑްވެލް ބުނީ އަތުގައި ހުރި ނަމަ ހުރި އެއްޗެއް ވިއްކާފައި ދަތުރަށް ނުކުތް ނަމަވެސް ބޯޓު ފޫގޮސް އަޑިއަށް ދިއުމާ ދޭތެރޭ ނެގީ ވިއްސަކަށް މިނެޓެވެ.
އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ ބްރޯޑްވެލް، 26، އަކީ މާކެޓިން ދާއިރާގައި މަސައްކަތް ކުރި މީހެކެވެ. ނިކީ، 24، އަކީ ފިލަޑެލްފިއާގެ މީހެކެވެ. ދެ މީހުން ބައްދަލުވެ އެކަކު އަނެކަކާ ގުޅުނީ އެވެ. އަދި އެމީހުން ދިރިއުޅެމުން އައި ގޮތަކީ އެއްގޮތަކަށް ވެސް އެމީހުން އުޅެން ބޭނުންވާ ގޮތް ނޫންކަން އިހްސާސް ކުރެވި ބޯޓެއްގައި ދުނިޔެ ބަލައިލަން ނުކުންނަ ޚިޔާލު އައީ އެވެ.
އެގޮތުން ދެ އަހަރު ވަންދެން އެމީހުން ދަތުރު ރާވައި ފައިސާ އެއްކުރި އެވެ. ލިބޭ ހުސްވަގުތު ޓެކްސީ ކޮށްދީގެން ބްރޯޑްވެލް އިތުރު ފައިސާ ހޯދި އެވެ. އަދި އޭޕްރީލް 2017 ގައި، އެ މީހުން އަތުގައި ހުރި ނަމަ ހުރި އެއްޗެއް ވިއްކާލީ އެވެ. ވިއްކާލި އެއްޗެހީގެ ތެރޭގައި އޭނާ ދުއްވި ކާރު ވެސް ހިމެނެ އެވެ.
ލިބުނު ފައިސާއިން 5،000 ޑޮލަރަށް އެމީހުން ގަތީ 1969 ގައި ބަނދެފައި އޮތް ބޯޓެކެވެ. ބޯޓު މަރާމާތުކުރުމަށް އިތުރު 3،500 ޚަރަދު ކުރި އެވެ.
ބޯޓު ދުއްވުމުގެ ތަޖުރިބާ އެއްވެސް ވަރަކަށް ދެ މީހުންގެ ނެތުމުން ބޯޓު ދުއްވަން ދަސްކުރަން އެތައް މަހެއް ހޭދަކުރި އެވެ. މިކަން ދަސްކޮށްދިނީ ބްރޯޑްވެލްގެ ބައްޕަ އެވެ. ބޯޓުގައި ދަތުރަށް ފަށަން ތައްޔާރުކަން އެމީހުންނަށް ޔަގީންވީ މި މަހު އެވެ. މި މީހުންގެ ހުރިހާ އެކުވެރިން މި މީހުންނަށް ވަރުގަދަ ވަދާއީ ޕާޓީއެއް ވެސް ވަނީ ދީފަ އެވެ.
ނަމަވެސް ދަތުރުގެ ދެ ވަނަ ދުވަހު ބޯޓު އަޑިއަށް ދިޔައީ އެވެ. ބޯޓު ކަނޑުން ނަގަން 10،000 ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެމީހުންގެ އަތުގައި މިހާރު އޮތީ އެންމެ 90 ޑޮލަރެވެ.