14 ފެބުރުއަރީ 2018 - 06:17

ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ބައެއް ބަތަލާއިންނަކީ އިސްކޮޅުން ވަރަށް ދިގު ބައެކެވެ. ދީޕިކާ ޕަދުކޯން، ކެޓުރީނާ ކައިފް، ސޯނަމް ކަޕޫރު އަދި އަނުޝްކާ ޝަރުމާ ފަދަ ބަތަލާއިންނަކީ ޝާހިދު ކަޕޫރާއި އާމިރު ޚާން ފަދަ ބައެއް އެކްޓަރުންނަށް ވުރެ އިސްކޮޅުން މާ ދިގު ބައެކެވެ. މީގެން ބަތަލާއަކާއި ބަތަލަކާ އެކު މަސައްކަތް ކުރުވަން ޖެހިއްޖެނަމަ ޑައިރެކްޓަރަށް ވަރަށް ބޮޑު ތަކުލީފެއް އުފުއްލަން ޖެހެ އެވެ.
"ޕަދްމާވަތު"ގެ ޝޫޓިންގްގައި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަށް ވެސް މި މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ. ދީޕިކާ އަށް ވުރެ ޝާހިދު ކުރުކަމުން ޝާހިދު ދިގުކަމަށް ފެންނަ ގޮތަށް ހަދަން މަސައްކަތް ކުރަން ޖެހުމުންނެވެ.
ފިލްމުގެ ޝޫޓިންގް މައުލޫމާތު އެނގޭ މީހަކު އިންޑިއަން އެކްސްޕްރެސް އަށް ކިޔައިދިން ގޮތުގައި ޝޫޓިން ކުރިޔަށް ދިޔައިރު މި މައްސަލަ އަބަދުހެން ދިޔައީ ދިމާވަމުންނެވެ. ޝާހިދު ކުޅުނީ ރަސްކަލެއްގެ ރޯލެވެ. ދީޕިކާ އަކީ އޭޭނާގެ ރާނީ އެވެ. އެހެންވެ އެންމެ މަންޒަރެއްގައި ވެސް ޝާހިދު އަށް ވުރެ ދީޕިކާ މާ ދިގުކޮށް ފެންނަ ނަމަ ވަރަށް ހުތުރުވާނެ އެވެ. އެހެންވެ ބާންސާލީ އާއި ޔުނިޓްގެ މެމްބަރުން އަބަދު ކަހަލަ ގޮތަކަށް މި މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަން ޖެހުނެވެ.
މިހާރު ޝޫޓްކުރަމުންދާ ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ "ތަގްސް އޮފް ހިންދުސްތާން" އަށް ވެސް މި މައްސަލަ ދަނީ ދިމާވަމުންނެވެ. ފިލްމުގެ ބަތަލު އާމިރު ޚާނަށް ވުރެ ބަތަލާ ކެޓުރީނާ ކައިފް މާ ދިގު ވީމަ އެވެ. ފިލްމު ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސް އިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އާމިރަށް ވުރެ ކެޓުރީނާ މާ ދިގެވެ. އެހެންވެ ކެޓުރީނާ އަށް ވުރެ އާމިރު ދިގުކޮށް ބަހައްޓަން ސެޓުގައި ވަރަށް ގިނަ މަސައްކަތްތައް އިތުރަށް ކުރަން ޖެހެ އެވެ.
މި މައްސަލަ ތަންކޮޅެއް ކުރިން ތައްބޫ އަށް ވެސް ދިމާވި އެވެ. އެހެންވެ ކުރު އެކްޓަރުންނާއެކު ފިލްމު ކުޅޭއިރު ބައެއް ފަހަރަށް ތައްބޫ ވެސް އޮވެވެނީ ގުދަށެވެ.