15 ފެބުރުއަރީ 2018 - 06:25

ޑައިރެކްޓަރު އިމްތިޔާޒު އަލީގެ އާ ފިލްމެއްގައި ޝާހިދު ކަޕޫރު ބަތަލުގެ ބައި ކުޅޭކަން އިއުލާންކުރުމާ އެކު މީހުންނަށް ހީވެފައި އޮތީ އެއީ 2007 ގައި ނުކުތް ސުޕަހިޓް ފިލްމު "ޖަބް ވީ މެޓް"ގެ ސީކުއަލް އެއް ކަމަށެވެ. ނަމަވެސް ޝާހިދު ކަޕޫރު ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ.
ޝާހިދު ބުނި ގޮތުގައި އިމްތިޔާޒާ އެކު އަލަށް ފަށާ ފިލްމާ "ޖަބް ވީ މެޓް" އާ އެއްވެސް ގުޅުމެއް ނެތެވެ. އެ ފިލްމުގައި އޭނާ ހުންނަނީ ވަރަށް ދެރަވެފައި ކަމަށް މީހުން ބުންޏަސް އެ ވާހަކަ ވެސް ދޮގުކުރި އެވެ.
މި ފިލްމުގެ މަސައްކަތް އިމްތިޔާޒާއި ޝާހިދު ފަށާނީ ޝާހިދު މިހާރު ކުޅެމުން އަންނަ "ބައްތީ ގުލް މީޓަރު ޗާލޫ" ނިންމުމަށް ފަހުގަ އެވެ.
ޝާހިދު ބުނި ގޮތުގައި ކޮންމެ ފިލްމެއްގައި ވެސް އަނެއް ފިލްމާ ތަފާތު މޮޅު ރޯލެއް ކުޅެން އޭނާ ބޭނުންވެ އެވެ. އެގޮތުން ޝާހިދުގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ޕަދްމާވަތު"ގައި އޭނާ ކުޅެފައިވާ ރޯލަކީ ވެސް ކުޅެން ވަރަށް އުނދަގޫވި ރޯލެއް ކަމަށް ޝާހިދު ބުންޏެވެ.
މިހާރު ކުޅެމުންދާ "ބައްތީ ގުލް މީޓަރު ޗާލޫ"ގައި ވެސް ޝާހިދު ކުޅެނީ ވަރަށް މޮޅު ގާނޫނީ ވަކީލެއްގެ ރޯލެވެ. މި ފިލްމުގައި ޝާހިދާ އެކު ބަތަލާއިންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝްރައްދާ ކަޕޫރާއި ޔާމީ ގޯތަމް އެވެ.