15 ފެބުރުއަރީ 2018 - 06:27

ނުވަދިހައިގެ އަހަރުތައް އިންޑިއާގެ ސިނަމާއަށް އެހާ ރަނގަޅެއް ނޫނެވެ. ނަމަވެސް އެ ދުވަސްވަރުގެ އެކި ހަނދާންތައް ހިންދީ ފިލްމު ބަލާ މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެކަން ޔަގީނެވެ. ސަބަބަކީ ފިލްމު ކުޅޭ ކޮންމެ އެކްޓަރެއްގެ ވެސް ކޮންމެވެސް ކަހަލަ ހަނދާންތަކެއް ހިތުގައި ރައްކާ ކުރެވިފައި ހުންނާތީ އެވެ. މަހޭޝް ބަޓްގެ "ޕާޕާ ކެހެތޭ ހޭ" އިން ތައާރަފްވި ރީތި ލޮލެއްގެ ވެރިޔެއް ކަަމަށްވާ މާޔޫރީ ކޮންގޯ އަދިވެސް ބައެއް މީހުންގެ ހަނދާނުގައި ހުންނާނެ އެވެ.
މާޔޫރީގެ ރީތިކަމާއި އެ ފިލްމުގެ ބަތަލު ޖުގަލް ހަންސްރާޖް އާއި އޭނާގެ ކެމިސްޓްރީ ވަރަށް ފާހަގަ ކޮށްލެވުނެވެ.
ދުވަސްކޮޅަކު ފިލްމު ކުޅެލާފައި މާޔުރީ ގެއްލުނީ އެވެ. އެހެންވެ އޭނާ މިހާރު އުޅޭ ގޮތެއް ބަލަން ޓައިމްސް އޮފް އިންޑިއާ އިން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ނޫހުން ބުނި ގޮތުގައި މާޔޫރީ އަކީ މިހާރު ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ.
މާޔޫރީ އެ ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާގެ ބޮލީވުޑް ކެރިއަރު ކުރު ނަމަވެސް 16 ފިލްމެއް ވަނީ ކުޅެފަ އެވެ. ނަމަވެސް މި ފިލްމުތަކުގެ ތެރެެއިން ދެބައިކުޅަ އެއްބައި ފިލްމު މިހާތަނަށް ރިލީޒްވެފައެއް ނުވެ އެވެ.
"ނުވަދިހައިގެ އަހަރުތަކަކީ ބަތަލާއިންނަށް ވެސް މާ ރަނގަޅު އަހަރުތަކެއް ނޫން. އެ ދުވަސްވަރު އުފެއްދި ފިލްމުތަކުގައި ބަތަލާއިންނަށް ކުރަން ޖެހޭހާ ވެސް ކަމަކީ ލަވަ ކިޔާފައި ނެށުން. އެހެންވެ އަހަރެން ސްކްރިޕްޓް ލިޔުމާއި ޑޮކިއުމެންޓްރީ އުފެއްދުމުގެ މަސައްކަތް ފެށީ. އަދި 2000 ވަނަ އަހަރު އަހަރެން ޓީވީ އިންޑަސްޓްރީއަށް ވަދެ ޓީވީގައި މަސައްކަތް ކުރިން. އަދި ފަހުން ކައިވެނި ކޮށްގެން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ،" މާޔޫރީ ބުންޏެވެ.
އެމެރިކާގައި ވެސް އޭނާ ވަޒީފާ އަދާކުރި އެވެ. އަދި ކިޔަވައިގެން އެމްބީއޭ ފުރިހަމަ ކުރި އެވެ. އޭނާ އެނބުރި އިންޑިއާ އަށް ބަދަލުވީ ފިރިމީހާގެ އާއިލާ އުޅެނީ އިންޑިއާގައި ކަމަށް ވެފައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މާމަ/ކާފަ ކައިރީގައި ބަހައްޓަން ބޭނުންވީމަ އެވެ.
އަލުން ބޮލީވުޑަށް އެނބުރި އައުމުގެ ވިސްނުމެއް މާޔޫރީގެ އެބަ ހުރި ހެއްޔެވެ؟ މާޔޫރީ ބުނީ ސެލެބްރިޓީއެއްގެ ދިރިއުޅުމަކީ އޭނާ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫން ކަމަށާއި އެހެންވެ ފިލްމު ކުޅުނު ދުވަސްތައް މަތިން ހަނދާން ނުކުރާ ކަމަށެވެ.
"މިހާރު އަހަރެން މި އަދާކުރާ ވަޒީފާއާ މެދު ވަރަށް ހިތްހަމަޖެހޭ. އެހެންވެ ކޮންމެހެން ފިލްމު ކުޅޭކަށް ބޭނުމެއް ނުވޭ. ފިލްމެއް ކުޅުނަސް ކުޅެވޭނީ ހަމައެކަނި ހަފުތާ ބަންދުގެ ދެ ދުވަހު ޝޫޓް ކުރާ ނަމަ،" ނިންމާލަމުން މާޔޫރީ ބުނެފައިވެ އެވެ.