ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުގެ އަރާރުން ބޮޑުވެ ސާރާ އާއި ސުޝާންތުގެ "ކެދާރްނާތު" ހުއްޓުމަކަށް!
ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުގެ އަރާރުން ބޮޑުވެ ސާރާ އާއި ސުޝާންތުގެ "ކެދާރްނާތު" ހުއްޓުމަކަށް!

ސުޝާންތު ސިންގް ރާޖްޕޫތާ އެކު ސާރާ އަލީ ޚާން ކުޅޭ ފުރަތަމަ ފިލްމު "ކެދާރްނާތު" ހުއްޓުމަކަށް އަތުވެއްޖެ އެވެ. ފިލްމުގެ ޝޫޓިން ވަކި ހިސާބަކަށް ގޮސްފައިވަނިކޮށް ހުއްޓުނީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުގެ އަރާރުން ބޮޑުވެގެން ގޮހެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ކްރިއަރްޖް އެންޓަޓައިންމަންޓުން މިހާރު ވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރާ މުޅިން ގުޅުން ކަނޑާލައިފަ އެވެ.

"ކެދާރްނާތު" އަކީ އަބީޝެކް ވަރަށް މަސައްކަތުން އުފައްދަމުން ދިޔަ ފިލްމެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "ފިތޫރު" ވީ ނާކާމިޔާބެވެ.

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުުޅު ސާރާ ބޮލީވުޑަށް ތައާރަފްކޮށްދިނުމުގެ ޒިންމާ ކްރިއަރްޖް އެންޓަޓައިންމަންޓުން ނަގާފައިވުމާއެކު އެހެން ޑައިރެކްޓަރަކާ އެކު ފިލްމު ކުރިޔަށް ގެންދިއުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިވަގުތަށް ފިލްމުގެ މަސަައްކަތް އޮތީ ހުއްޓާލާފަ އެވެ.

މައްސަލަތައް ފުރަތަމަ ޖެހެން ފެށީ ފިލްމު ފެށިތާ ވަރަށް ކުރީކޮޅު އެވެ. ފިލްމު ރިލީޒްކުރަން ކަނޑައެޅި ތާރީޚާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރަށް އެއްބަސް ނުވެވުނީ އެވެ. ފަހުން ދެބައި މީހުން ވާހަކަ ދެއްކުން ވެސް ހުއްޓާލީ އެވެ. މިހެން އޮއްވާ ޑައިރެކްޓަރު ވަނީ "ކެދާރްނާތު" ރިލީޒްކުރާނީ ޑިސެމްބަރު 21، 2018 ގައި ކަމަށް އިއުލާންކޮށް ޓުވީޓްކޮށްފަ އެވެ. މި ތާރީޚަކީ ޝާހްރުކް ޚާންގެ "ޒީރޯ" ރިލީޒްކުރަން މާ ކުރިއްސުރެ ހަމަޖައްސާފައި އޮތް ތާރީޚެކެވެ.

ރިޕޯޓުގައި ބުނާ ގޮތުގައި މަޝްވަރާ ކުރުމެއްނެތި ޑައިރެކްޓަރު އަމިއްލަ އަށް ސޯޝަލް މީޑިއާގައި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކުރުމުން ޕްރޮޑިއުސަރުން ވަރަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް އިތުރަށް މައްސަލަ ގޯސްނުވަނީސް ދެ ފަރާތުން އެއްބަސްވެވޭ ގޮތަކަށް މައްސަލަ ހައްލުކުރަން ޕްރޮޑިއުސަރުން މަސައްކަތް ކުރި އެވެ. އެހެންވެ ފިލްމު ހުއްޓާލަން މަޖްބޫރުވީ އެވެ. ދެން ފިލްމު ފެށޭނީ ކަރުދާހުގައި އެއްބަސް ވެފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ޑައިރެކްޓަރަށް ދޭން ޖެހޭ އެއްޗެއް އޮތްނަމަ ދިނުމަށްފަހު އޭނާ ވަކިކޮށް އެހެން މީހަކަށް ފިލްމު ހަވާލު ކުރުމަށް ފަހުގަ އެވެ.

"ކެދާރްނާތު" އަކީ 2013 ގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅުވާލާފައިވާ ލޯބީގެ ވާހަކައަކަށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފުރިހަމަ ކޮށްފަ އެވެ. ނަމަވެސް ކުރިޔަށް ހުރި ޝެޑިއުލްތަކުގެ ޝޫޓިން ފެށޭނެ ދުވަހެއް ނޭނގެ އެވެ.

ފިލްމަށް ދިމާވި މި ހިތާމަވެރި ހާލަތާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވާނީ ސާރާ އަށެވެ. މި ފިލްމު ނިމުމުގެ ކުރިން ސާރާ އަށް އެހެން އެއްވެސް ފިލްމެއް ކުޅެން ސޮއި ނުކުރެވޭ ގޮތަށް ފިލްމުގެ ކޮންޓްރެކްޓްގައި ލިޔެފައިވާ ކަމަށް ވެއެވެ.