15 ފެބުރުއަރީ 2018 - 06:28

ޖަޕާނުގެ ބޭސް ކުންފުންޏެއް ކަމަށްވާ ޝިއޮނޯގީ އެންޑް ކޯ އިން ވަރަށް ވަރުގަދަ ވާހަކައެއް ދައްކަން ފަށައިފި އެވެ. އެ ކުންފުނިން ބުނަނީ އަރިދަފުސްރޯގާ ރަނގަޅު ކުރެވޭ ބޭހެއް އުފައްދައި އެކްސްޕެރިމެންޓް ކުރަމުން އަންނަ ކަމަށެވެ. މި ބޭހުން އެއް ދުވަހުގެ ތެރޭގައި ފްލޫ ވައިރަސް އެއްކޮށް މަރާލާކަމަށް ވެސް މި ކުންފުނިން ބުނެ އެވެ.
މި ކުންފުނިން ތައްޔާރުކޮށްފައިވާ މި ބޭހުގެ ކްލިނިކަލް ޓްރައަލްގައި، ފްލޫ ޖެހިގެން އުޅޭ މީހުންގެ ހަށިގަނޑުގައި ހުންނަ ހުރިހާ ވައިރަސްތަކެއް ބޭހުގެ އެންމެ ޑޯޒަކުން، 24 ގަޑިއިރު ތެރޭގައި ނެތިގެންދާކަން ހާމަވެފައިވާ ކަމަށް ބޭސް އުފައްދާ ކުންފުނިން ބުނިކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ.
ޓެސްޓަށް ބޭސް ދިން މީހުންގެ ތެރޭގައި ޖަޕާނާއި އެމެރިކާ މީހުން ހިމެނެ އެވެ. ފްލޫއަށް މިހާރު އާންމުކޮށް ބޭނުންކުރަނީ ޓެމިލްފްލޫ ކިޔާ އެންޓިވައިރަލް ބޭހެކެވެ. މި ބޭހަށް ވުރެ މި އަލަށް ތައްޔާރުކުރި ބޭހުގެ މަސައްކަތް ތިން ގުނަ ހަލުވިކަމަށް ބޭސް އުފެއްދި ކުންފުނިން ބުންޏެވެ.
ފްލޫ ވައިރަސްއާ ހަނގުރާމަކުރުމަށް އަލަށް އުފެއްދި ބޭސް މަސައްކަތް ކުރަނީ މިހާރު ބާޒާރުގައި ހުރި މި ބާވަތުގެ ބޭސް މަސައްކަތްކުރާ ގޮތާ ތަފާތު ގޮތަކަށެވެ. ފްލޫ ވައިރަސްތައް ހަށިގަނޑު ތެރޭގައި ފެތުރެނީ ސެލްތަކުގެ ތެރެއަށް ވަދެ ތިބެގެންނެވެ. ސެލްތެރެއަށް ވައިރަސް ވަދެ ސެލްގެ މެޝިނަރީ ހައިޖެކްކޮށް ގަދަބާރުން ވައިރަސްގެ ކޮޕީތައް އުފައްދަނީ އެވެ. ދެން އަލަށް މި ކޮޕީކުރި ވައިރަސްތައް ސެލް ފަޅާފައި ނުކުމެ ކައިރީގައި ހުރި އެހެން ސެލްތަކަށް ވަންނަނީ އެވެ. އަދި މި މަރުހަލާތައް ރިޕީޓްކުރަމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ވައިރަސްތައް ވަކި ހިއްޕާލަނީ އެވެ.
ޓެމިލްފްލޫ ފަަދަ މިހާރު ބޭނުންކުރާ ބޭސްތަކުން ކުރާ ކަމަކީ ވައިރަލް ކޮޕީތައް ސެލްތަކުން ބޭރަށް ނުކުތަ ނުދީ ބްލޮކް ކުރުން ކަމަށް ޖާނަލްގައި ބުނެފައިވެ އެވެ.
ނަމަވެސް މިހާރު ތަޖުރިބާކުރަމުން އަންނަ މި ބޭހުގެ މަސައްކަތް މާ އަވަހަށް ފަށަ އެވެ. އަދި ދުރާލައި ސެލް ހައިޖެކްކުރިޔަ ނުދީ ބްލޮކްކޮށްލަ އެވެ.
ޖަޕާނުގެ ބޭސް ރެގިއުލޭޓްކުރާ ފަރާތްތަކުން މި ބޭސް ޖަޕާންގައި ބޭނުންކުރުމުގެ ހުއްދަ އަންނަ މާޗް މަހުގެ ކުރީކޮޅު ދޭނެ ކަމަށްވެ އެވެ. މި ބޭސް އުފައްދާ ފަރާތުން ރާވާފައި ވަނީ ހޫނު މޫސުމާ ދިމާކޮށް މި ބޭހުގެ ހުއްދަ ހޯދަން އެމެރިކާއަށް ވެސް ހުށަހަޅާށެވެ.
މި ބޭސް އަންނަ އަހަރު ތެރޭގައި އާންމުކޮށް ލިބޭނެކަމަށް އުންމީދު ކުރެވެ އެވެ.