14 ފެބުރުއަރީ 2018 - 06:15

އޮއްސެމުންދިޔަ އިރުން ފޮނުވި ސަލާން، ކަނޑުގެ ބާނިތަކާ އެކުވެގެން އައިސް އަހަރެންގެ ފައިގައި ބޮސްދިނެވެ. ދިޔަރެހުގައި ކުޅެސަމާސާ ކުރަމުންދިޔަ ރިވެލީގެ ކުލަކުލައިގެ ތަރިތައް ވިދައިބެބުޅިއެވެ. ޒުވާން އަންހެންކުއްޖެއްގެ ދޮން ފައިތިލައިގައި ބީހިލަން ލިބުނީތީ ފަޚުރުވެރިވާ ކަހަލައެވެ. އަހަރެންގެ ދިގުހެދުން ކޮށިކޮށްލައިގެން، ފައިވާނުގެ މަޅިގަނޑު ކަނާއަތުގެ ކުޑަވައި އިނގިއްޔަށް މަހައިލައިގެން ހުއްޓި ހުރީމެވެ. ކަނޑުން އަރައިގެން އައި ފިނި ރޯޅި، އަހަރެންގެ ފަން އިސްތަށިގަނޑުގައި ފިރުމަމުން، ކަންފަތްދޮށުގައި ސިއްރެއް ބުނެލިއެވެ. ތީ ދުނިޔޭގެ ކިތައްވަނަ އަޖައިބު ހެއްޔެވެ؟ ތީ ކޮން ގުރަހަޔަކުން އައި ފަތްމިންޏެއް ހެއްޔެވެ؟ އަހަރެން ރަކިވެ އިސްޖަހައިލީމެވެ. އެ ވަގުތު ފައި ކައިރީގައި ފުޅިއެއް އޮއްވައި ފެނުނެވެ. ވަރަށް އާދައިގެ ފުޅިއެކެވެ. މަތިގަނޑުގެ ބަދަލުގައި ޖަހައިފައިހުރީ އުނގުރިއެކެވެ. ފުޅިތެރޭގައި ކަރުދާސްކޮޅެއް އޮތެވެ. އޮޅައިލައިފައި ސުތުލިކޮޅަކުން އައްސައިފައެވެ. އަހަރެން ފުޅި ނެގީމެވެ. އެތެރޭގައި އޮތް ކަރުދާސްގަނޑު ހުޅުވައިލީމެވެ. އޭގައި ލިޔެފައި އޮތެވެ.
"ސިޓީ ނެގި މީހަކަށް ސަލާމާއި ހެޔޮ ދުޢާ. ވީހާ ވެސް އަވަހަކަށް މި ނަންބަރަށް ގުޅާލާ!"
ސިޓީގައި ތާރީޚު ޖަހައިފައި އޮތެވެ. ގާތްގަނޑަކަށް ދެ އަހަރު ކުރިއެވެ. ކޮންތާކުން ކާކު ފޮނުވި އެއްޗެއްކަމެއް އެނގޭކަށް ނެތެވެ. ދެ ފިކުރެއްގައި ހުރެފައި އެ ނަންބަރަށް ގުޅައިލީމެވެ. ޖަވާބެއް ނުދިނެވެ. އެކަމަކު ފޯނު ރަނގަބީލުވާ އަޑު އިވުނެވެ. ދެން އައީ މެސެޖެކެވެ. އޭގައި އޮތެވެ.
"ފުޅި ނެގި މީހާގެ ފޮޓޯއެއް ފޮނުވައިފިއްޔާ ޝުކުރުވެރިވާނަން. ވައިބަރ ނުވަތަ ވަޓްސްއަޕް ވިޔަސް މައްސަލައެއް ނެތް."
އަހަރެންގެ ފޮޓޯތައް އިންސްޓަގްރާމާއި އެފްބީގައި ހުންނާނެއެވެ. ބޭނުން މީހަކަށް ނެގޭ ގޮތަށެވެ. ވީމާ، މީހަކަށް ފޮޓޯއެއް ފޮނުވާލަން އަހަރެން ވާނީ ކޮން ޖެހިލުމެއް ހެއްޔެވެ؟ އަހަރެން ހައިރާންވީ ފުޅި ނެގީ އަހަރެންކަން އެ މީހަކަށް އެނގުނީމައެވެ. ވަށައިގެން ނަޒަރުހިންގައިލީމެވެ. ފެންނަ ހިސާބުގައި މީހަކު ހުރިތޯ ބަލައިލީމެވެ. ނެތެވެ. މީހަކު ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީ ފަޅުރަށެއްގައެވެ. އެ ކަން އިހުސާސްކުރެވުމުން ހިނިއައެވެ. އެ ވަގުތު ފޮޓޯއެއް ނަގައިފައި ފޮނުވައިލީމެވެ. އެއް މިނެޓު ނުވަނީސް އެ ނަންބަރުން ކޯލެއް އައެވެ.
"އަހަންނަކީ ޕްރިންސްޚާލިދު،" އިނގެރޭސިވިލާތު މީހުން ވާހަކަދައްކާ ރާގުގައި، އިނގެރޭސިބަހުން ޚާލިދު ބުންޏެވެ. "މީގެ ދެ އަހަރު ކުރިން އަހަރެން ވަޢުދެއް ކުރިން. އެއީ، މި ފުޅި ނެގޭ މީހަކީ އަންހެނެއް ކަމަށް ވެއްޖެއްޔާ އޭނަޔާ ކައިވެނިކުރުން. ފިރިހެނެއް ކަމަށް ވެއްޖެއްޔާ އޭނަ މިލިޔަނަރަކަށް ހަދައިދިނުން. އަހަންނަކަށް ނޭނގެ ތީ ހުސްހަށިބައި ކުއްޖެއްކަމެއް. އަހަންނަކަށް ނޭނގެ އަހަންނާ އިންނާނެކަމެއް ވެސް. ކީކޭ ބުނަނީ؟"
ބުނާނީ ކީކޭކަމެއް އަހަންނަކަށް ނޭނގުނެވެ. ހުއްޓުންއަރައިފައި އިރުކޮޅަކު ހުރީމެވެ. ޕްރިންސަކު ފޮނުވި ސިޓީއެއް އަހަންނަށް ލިބި، ޕްރިންސަކާ ކައިވެނިކުރުމުގެ ފުރުޞަތު އަހަންނަށް ލިބިދާނެކަމަށް އަބަދުވެސް އުންމީދުކުރީމެވެ. އަހަރެން ވަގުތުން އެއްބަސްވީމެވެ. ޖެހިގެން އައި ދުވަހު އަހަރެން ބަލާ އައީ ޚާލިދުގެ އަމިއްލަ ޖެޓެކެވެ. ރާއްޖޭގައި ނޫސްތަކުގެ ފަލަ ސުރުޚީއަށް އަހަރެންގެ ނަން އެރިއެވެ. ސަޢޫދީ ޢަރަބިއްޔާއަށް އަހަރެން ދިޔައީ މަންމައާއި ބައްޕަ ގޮވައިގެންނެވެ. އެކުގައި ޢާއިލާގެ އެންމެން ގެންދިޔައީމެވެ. ސަޢޫދީއަށް ބޯޓު ޖެއްސިއިރު ބޮޑު ތިން ކާރު ތައްޔާރަށް އޮތެވެ. އޭރު ވެސް ޚާލިދެއް އަހަންނަކަށް ނުފެނެއެވެ. ފުލުހުންގެ ރައްކާތެރިކަމާއެކު އަހަރުމެން ގެންދިޔައީ ބޮޑު ގަނޑުވަރަކަށެވެ. ގަނޑުވަރުގެ ބޮޑު ދޮރޯށިން ވަނުމަށް ފަހުގައި ވެސް އެތައް އިރަކު ކާރު ދަތުރުކުރިއެވެ. އެއީ ބޮޑު ބަގީޗާއެކެވެ. ހޫނު ހިސާބުތަކުގައި ހެދޭ އެކި ފާޑުގެ ގަސްތައް އެ ތަނުގައި ހުއްޓެވެ. ބޮޑު ފައްވާރާއަކާއި، ފެނާރުތައް ހުއްޓެވެ. ކުލަކުލައިގެ ދޫނިތައް އުދުހެނިކޮށް ދުށީމެވެ.
"ޚާލިދު އެބަ ހުންނެވި ދޮރުމަތީގަ." ޑުރައިވަރު ބުންޏެވެ.
ރަންކުލައިގެ ބޮޑު ދޮރެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އަހަރެން ފޭބީމެވެ. ހިނިތުންވެފައި ބަލަހައްޓައިގެން ހުރި ޚާލިދު އަހަންނާ ސަލާންކުރިއެވެ. އުމުރުގެ ގޮތުން އަހަންނަށް ވުރެ މާ ބޮޑުތަން ޚާލިދު ދޮށިވާނެހެނެއް ހިޔެއް ނުވެއެވެ. އިސްކޮޅުން އަހަންނަށް ވުރެ ދިގެވެ. އޭނަ ހުރީ ޢަރަބިން ލާ ކަހަލަ ހުދު ހެދުމެއް ލާފައެއް ނޫނެވެ. އޭނަ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ހުދު ޓީޝާޓެކެވެ. އިސްތަށިގަނޑު ވަރުގަދަވެފައި ކަޅެވެ. ލޯ ހުރީ ނޫކުލައިގައެވެ. ވަރަށް ތުނި މަތިމަހަކާއި ތުނބުޅިއެއް ހުއްޓެވެ. އަހަރެންގެ ޢާއިލާގެ މީހުން ގެންދިޔައީ އެހެން ދޮރަކާ ދިމާއަށެވެ. ޚާލިދު އަތުގައި ހިފައިގެން އަހަރެން ގަނޑުވަރުގެ އެތެރެއަށް ވަނީމެވެ. ތަޅުންގަނޑުގައި ހުރީ ސަންގުމަރުމަރު ހިލަ ކަހަލަ ތަށިމުށްޓެކެވެ. އުސް ފަންގިފިލާގައި ބިޔަ މަންދީލަތައް އެލުވައިފައި ހުއްޓެވެ. އަދަބު އިޙުތިރާމާއެކު އިސްޖަހައިލައިގެން ތިބި ނޯކަރުންގެ ސަފުތައް ދެ ފަރާތުގައި އެތުރިގެން ތިއްބެވެ. އަހަރެން ގޮވައިގެން ޚާލިދު ނުކުތީ، ގަނޑުވަރުގެ ބިއްދޮށް ފަރާތުގައި ހަދައިފައިވާ ބޮޑު ބަގީޗާއަކަށެވެ. އެ ތަނުގެ ފިނިހޫނުމިން ތަފާތެވެ. މުޅި ތަނުގައި އޮތީ ހުދު ފިނިފެންމަލެވެ. އަހަންނަށް އެންމެ ރީތި ހުދު ފިނިފެންމާކަން ޚާލިދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ބަގީޗާގެ މެދުގައި ހުއްޓިފައި ޚާލިދުގެ ޖީބުން އަނގޮޓިއެއް ނެގިއެވެ. އަހަރެންގެ އަތްތިލައިގައި ހިފައިފައި ޚާލިދުގެ އެއް ކަކޫ ބިންމަތީގައި ޖައްސައިލިއެވެ. އުފަލުން އަހަރެން ހުރީ ފެންކަޅިވެފައެވެ.
"ކޮބާ އަދިވެސް ތެދުވާކަށް ނުވޭ؟" މަންމަ ގޮވައިލި އަޑު އިވުނެވެ.
އަހަރެން ލޯ ހުޅުވައިލީމެވެ. ޗޮކެއްކަނޑައިލެވުނެވެ. ޚިޔާލުގެ އެންމެ ރީތި ހިސާބަށް ގޮސްފައި ލޯ ހުޅުވަން ޖެހުނީމައެވެ. އަޅެ އަނގޮޓި އަޅުވަންދެން މަންމަ ކެތްކޮށްލި ނަމައެވެ.
"މަންމާ!" އަހަންނަށް ބުނެވުނެވެ.
"މިހާރު އެހެރަ އެގާރަޖަހަނީއޭ ދަރިފުޅާ!" މަންމަ އައިސް ކުޑަދޮރުގެ ފޮތިގަނޑު ކަހައިލަމުން ބުންޏެވެ. "ދަރިފުޅު ބުނާނެ ގޭސްވާ ވާހަކަ. މަންމަ ބުނަމެއްނު ސައިބޮއިގެން އޮންނާށޭ. ފޯނު ސައިލެންޓަށް ލައިގެން ދޯ ތި އޮންނަނީ. ނާނި މިހާރު މަންމައަށް ވެސް ގުޅައިފި."
"އޯ މައި ގޯޑް!" ކުއްލިއަކަށް ހަނދާންވެގެން އަހަންނަށް ބުނެވުނެވެ. "ނާނި ނާނި!"
ނާނިއަށް ފޯނުކުރަން ބަލައިލިއިރު އަހަރެންގެ ފޯނު ފެންނަ ހިސާބަކު ނެތެވެ. މަންމައާއި އަހަންނާ ދެމައިން ވެގެން ފޯނު ހޯދަން ފެށީމެވެ. ފޯނެއް ނުފެނުނެވެ. މަންމަގެ ފޯނުން ނާނިއަށް ގުޅީމެވެ. ބޮލުގައި ކުލަޖައްސަން ދާން އަހަރުމެން އޮންނާނީ އެޕޮއިންޓްމަންޓު ހައްދައިފައެވެ. އެ ތަނަކީ ނާނިގެ ރައްޓެއްސެއްގެ ތަނެކެވެ. އެހެންކަމުން އެޕޮއިންޓްމަންޓު ކެންސަލެއް ނުވެއެވެ.
"މަންމާ ދީބަލަ ޓޫ ތައުޒަން." އަހަރެން ބުނީމެވެ.
އަހަރެންގެ ނަމަކީ ހަފްސާއެވެ. އަހަރެންގެ އުމުރަކީ ނަވާރަ އަހަރެވެ. އަހަންނަކީ ބައްޕަގެ ޕްރިންސަސްއެވެ. މަންމަގެ ޕަރީއެވެ. ބޭނުން ކޮންމެ އެއްޗެއް ބައްޕަ ހޯދައިދެއެވެ. ކިޔަވައި ނިމުމަށް ފަހު އަހަރެން ވަޒީފާއެއް އަދައެއް ނުކުރަމެވެ. އެއްވެސް ޒިންމާއެއް ނޯވެއެވެ. ނިދަން ވަކި ގަޑިއެއް، ހޭލަން ވަކި ގަޑިއެއް ނޯވެއެވެ. އެންޓާޓިކާޔާ އެއްވަރަށް ކޮޓަރި ފިނިކޮށްލައިގެން ރަޖާގަނޑު ދަށުގައި އޮތީމައި ނިމުނީއެވެ. އަހަރެން އެންމެ މޮޅަށް ކުރާ ކަމަކީ ކުރެހުމެވެ. އިސްކޫލު ދައުރުގައި އަހަރެން ކިޔެވި ހުރިހައި ގުރޭޑަކުން ވެސް ކުރެހުމުން އެންމެ މަތީ ވަނައެއް ހޯދަނީ އަހަންނެވެ.
އަހަރެން ކައިވެނިކުރާނީ ކާކާހެއްޔެވެ؟ އަހަރެންގެ ހިތް ހަދިޔާކުރާނީ ކާކަށް ހެއްޔެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި އެނބުރޭތާ ކިތަންމެ ދުވަހެކެވެ. އުޅުން އެކަނި ރީތިވެގެން އަހަރެންގެ ހިތެއް ނައަތުލެވޭނެއެވެ. ސިފަ ރީތިވާން ޖެހޭނެއެވެ. އަހަންނަކީ ހުވަފެނުގެ މަލިކާއަކީމެވެ. ހުވަފެނެއް ފަދަ މޫނެއް ނެތިއްޔާ އަހަންނަކަށް ކަމަކުނުދާނެއެވެ.
އެއްދުވަހަކު އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ހުވަފެނުގެ ރަސްގެފާނު ހުންނާނީ ކޮން ސިފައެއްގައި ހެއްޔެވެ؟ އެންމެ ރީތި މީހާ ހުންނާނީ ކިހިނެއް ހެއްޔެވެ؟އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ހިތުގައި ނުއުފެދޭ ސުވާލަށް ޖަވާބެއް ހޯދުމަށް ޓަކައި ފަންސުރުހިފައިގެން އިށީނީމެވެ. ކުޑައިރު އަހަންނަށް ފެނުނު ކާޓޫނުފިލްމުތަކާއި، ރީތި ޅެންބައިތުތަކާއި، ހުވަފެނީ ވާހަކަތަކުން އަހަރެންގެ ތަސްވީރަށް ދިރުން ގެނައީމެވެ. ޚިޔާލަށް ގެނައީމެވެ. ބިއުޓީ އެންޑް ދަ ބީސްޓެވެ. ސިންޑްރެއްލާއެވެ. ސްނޯވައިޓެވެ. އަހަންނަށް ބެލޭނީ ޕްރިންސެއް އުޅޭ ފިލްމެވެ. ކިޔޭނީ ވެސް ޕްރިންސެއް އުޅޭ ވާހަކައެވެ. ކޮންމެވެސް ދުވަހަކުން އަހަރެންގެ ހަޔާތަށް ޕްރިންސެއް އަންނާނެއެވެ. އޭނަގެ އުފާވެރި ދުނިޔެއަށް އަހަރެން ގެންދާނެއެވެ.
އަހަންނަށް ކުރެހުނީ ވަރަށް ރީތި މޫނެކެވެ. ކުރަހައި ނިމުމުމާއެކު އެ ތަސްވީރުދެކެ އަހަންނަށް ލޯބިވެވިއްޖެއެވެ. ރެޔާއި ދުވާލު ތަސްވީރަށް ބެލެން ފެށިއެވެ. ތަސްވީރުގެ ފޮޓޯނަގައި ފޯނުގައި ރައްކާކުރީމެވެ. ފޫހިވާއިރަށް އަހަރެން ކުރާ ކަމަކީ އެ ފޮޓޯއަށް ބެލުމެވެ. ޚިޔާލީ ސޫރައިގައިވާ ޖާދޫވި ލޮލުގެ ފުންކަމުގެ ތެރެއަށް އަހަރެން ފީނީމެވެ. ލޯބީގެ މަސްތީ ކަނޑެއްގައެވެ. ޖަޒުބާތުގެ އޮއިވަރުގައި ރާޅުތައް ނެށިއެވެ. އޭނަޔަކީ ލޯބީގެ ދެވަނަ ނަމެވެ. އޭނަ ހުރި ތަނެއްގައި ލޯބީގެ ރާގުތައް ކުޅެވޭނެއެވެ. އުދުހޭ ދޫނިތައް ލަވަކިޔާނެއެވެ. ނިދަންއޮވެގެން އެ ތަސްވީރާ އަހަރެން ވާހަކަދެއްކީމެވެ. ނަމެއް ދިނީމެވެ. ސޯލްމޭޓެވެ. އެކުވެރިންނަށް އިވޭނީ އަހަރެން އެހެން ކިޔާ އަޑެވެ. އޭގެ ޙަޤީޤަތެއް ނޭނގޭނެއެވެ.
އަހަރެންގެ ޚިޔާލީ ދުނިޔެއަށް "މީހަކު" ނޭވާލާން ފެށި ފަހުން ހުވަފެންތަކުން ވެސް އޭނަ ފެންނަން ފެށިއެވެ. އޭނަ ހަމައެކަނި ރީތީކީ ނޫނެވެ. ކުރާ ކޮންމެ ކަމަކާއި، ބުނާ ކޮންމެ ބަހެއް ވެސް ހީވަނީ ހުވަފެނެއްހެންނެވެ. މިޒާޖުގެ ހިތްގައިމުކަމާއި، ބަސްތަކުގެ ފަށުވިކަމާއި، އަޑުގައި ހުންނަ އޯގާތެރިކަމަކީ ހަތްވަނަ އަޖައިބެވެ. އަހަންނަށް ލޯބިވެވުނީ އޭނަ ދެކެއެވެ. އެހެން ފިރިހެނަކާ ދިމާއަށް ބަލާހިތެއް ނުވެއެވެ. އެންމެން ކިޔައެވެ. އަހަރެން މާ ގިނައިން ނިދަނީ ކީއްވެގެން ހެއްޔެވެ؟ ބޭރުތެރެއަށް ނުކުމެ، ޕާޓީތަކަށް ގޮސް، ރައްޓެހިންނާ އެކުގައި މަޖާނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މީހުންނަކަށް ނޭނގެއެވެ. ކޮންމެ މީހަކު ވެސް ދިރިއުޅޭހިތް ވަނީ އެ މީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ. އަހަރެންގެ ދުނިޔެއަކީ އެހެން މީހުންނަށް ހުވަފެނެވެ. އަހަރެންގެ ޙަޤީޤަތަކީ އެހެން މީހުންނަށް ވާހަކައެކެވެ. ހުވަފެނުގައި އުޅޭ މީހަކާ ބައްދަލުކުރަންޏާ ނިދުން ނޫން އެހެން ގޮތެއް އަހަންނަށް ކޮބައި ހެއްޔެވެ؟ ދެން އައީ އެ ފޮޓޯއަށް ދިރުން ލިބުނު ވަގުތެވެ.
ނުނިމޭ