13 ފެބުރުއަރީ 2018 - 11:27

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. އެ އުސޫލުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވެސް ނިންމި އެވެ.
އެކަމަކު ޖަލުގައި ތިބި ސިޔާސީ ނުވަ ލީޑަރަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. އެ އަމުރު ތަންފީޒުނުކޮށް، މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ ކޯޓުގައި ތިބި އަނެއް ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ކުށްވެރިންތައް މިނިވަން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އެކަމަކު، އެ އަމުރުގައިވާ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބައި ބާތިލެއް ނުކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ، އަންނަ އަންގާރަ ދުވަހަށެވެ.
ނިހާން ވިދާޅުވީ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި މެމްބަރުންނަށް އެކަން އެންގި ނަމަވެސް ޖަލްސާ ނުބޭއްވުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ސަލާމަތީ ޚިދުމަތްތަކުން ވެސް އެ އަށް ވުރެ ބޮޑު ކަމެއްގައި އުޅެން ޖެހުމުން މުއްދަތެއް ނެތް ގޮތަށް ޖަލްސާ ފަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުރު ފެށޭ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބްކުރެއްވުން. އެ ޖަލްސާ ނުބާއްވައި އެހެން ޖަލްސާއެއް ނުބާއްވާނެ. އެ ފުރުސަތު ލބެންދެން މަޖިލީސް ބަންދުކޮށްފައި ނުވަތަ ނުހުޅުވި އޮތުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އެޖެންޑާކޮށްފައި ހުރި ކަންކަން ވެސް ކުރިއަށް ދާނެ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީސް ނުފަށައި ލަސްކުރަނީ ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައި އޮތުމުންނެވެ. މަޖިލީހުގެ ޖަލްސާ ފަށާނީ، އިދިކޮޅު ގިނަ މެމްބަރުންތަކެއް ޖަލަށް ލައިގެން، ސަރުކާރު ފަޅި އަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމުން ކަމަށް މެމްބަރުން ތުހުމަތު ކުރެ އެވެ.
އެ ތުހުމަތު ދޮގުކުރައްވައި ނިހާން ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަން މި އަހަރަށް ބަޖެޓް ފާސްކުރި ޖަލްސާއިންނާއި އޭގެ ފަހުގެ ޖަލްސާތަކުން ވެސް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދޭން ހުރަސްއަޅަނީ އިދިކޮޅު ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.