13 ފެބުރުއަރީ 2018 - 09:38

މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ސްނެޕްޗެޓްގެ އާ ޑިޒައިނާ ދޭތެރޭ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ސްނެޕްޗެޓަށް ބަދަލުތަކެއް ގެންނަ ވާހަކައާ އެކު، އެ ބޭނުން ކުރާ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ކުރިއަށް ވުރެ ބޮޑަށް ބޭނުންކުރަން ފަސޭހަ، ހިތްގައިމު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. މިދިޔަ ހަފުތާގެ ތެރޭގައި އަލަށް ގެނައި ބަދަލުތަކާ އެކު، ސްނެޕްޗެޓް މިހާރު ބޭނުން ކުރަން އުނދަގޫ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މުޅި އެތި "އޮޅުންބޮޅުން ކޮށްލާފައިވާ" ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެހެންވެ ކުރީގެ ޑިޒައިނަށް އެނބުރި ދާން ގޮވާލައި މިހާރު ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށައިފަ އެވެ.
އެ ޕެޓިޝަނުގައި މިހާތަނަށް 600،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު، އޭގައި ބުނެފައި ވަނީ "ސްނެޕްޗެޓްގެ އާ ޑިޒައިނާ އެކު ބޭނުމެއް ނެތް ގިނަ ފީޗާތައް ހިމަނައި، ބޮލަށް އުނދަގޫވާ ގޮތަށް އެ ފަރުމާކޮށްފައިވާ" ކަމަށެވެ. އެހެންވެ ކުރީގެ ވާޝަނަށް އެނބުރި ދިއުމަށް ސްނެޕްޗެޓްގެ މެނޭޖްމަންޓަށް ޕެޓިޝަނުގައި ގޮވާލައިފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ސްނެޕްޗެޓްގެ ތަރުޖަމާން ނެރުނު ބަޔާނެއްގައި ބުނީ ބާކޮށްލި ޑިޒައިނަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަލަށް ގެނައި ބަދަލުތަކަށް ހޭނެން ވަގުތު ނަގާނެ ކަމަށް އަހަރެން ގަބޫލު ކުރަނީ. އެހެންވީމާ އެއަށް ހޭނުނީމަ ސްނެޕްޗެޓް ބޭނުން ކުރާ މީހުންނަށް އާ ޑިޒައިން މާ ބޮޑަށް ވެސް ކަމުދާނެ،" ބަޔާނުގައި ބުންޏެވެ.
ދެހާސް އެގާރައިގައި ވުޖޫދަށް އައި ސްނެޕްޗެޓް ބޭނުން ކުރާ މީހުންގެ އަދަދު 187 މިލިއަނަށް ވުރެ ގިނަ އެވެ.