14 ފެބުރުއަރީ 2018 - 06:23

މަޝްހޫރު ފެޝަން ބްރޭންޑްތަކަށް ދެވިހިފީމާ ވާނެ ގޮތް މިއޮތީ ޖަޕާންގެ ސްކޫލެއްގެ ބެލެނިވެރިން ތަޖުރިބާ ކުރަން ޖެހިފަ އެވެ. ޖަޕާން މީހުންނަކީ މުއްސަނދި އަދި ވަރަށް ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބި ކުރާ ބައެކެވެ. ޓޯކިއޯގެ ގިންޒާ އަވަށުގެ ޓައިމީ އިލެމެންޓްރީ ސްކޫލްގެ ކިޔެވުން އަންނަ އެޕްރީލް މަހު ފަށަން ތައްޔާރުވަމުން ދަނިކޮށް، ބައެއް ބެލެނިވެރިންގެ ބޮލުގެ ރިހުމަކަށް ވެސް އެކަން ވެއްޖެ އެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ؛ އެ ސްކޫލުން ވަނީ ދިރާސީ އާ އަހަރު ފެށެން ގާތްވެފައި ވަނިކޮށް، މަޝްހޫރު ފެޝަން ބްރޭންޑެއްގެ ޔުނިފޯމް ތައާރަފުކޮށްފަ އެވެ. އެއީ ޖޯޖޯ އަރްމާނީ އެވެ. މީގައި ބައެއް ބެލެނިވެރިން އެންމެ ކަންބޮޑުވާ ކަމަކީ އެ ބްރޭންޑްގެ ޔުނިފޯމްގެ އަގަށް އެ މީހުން އަތް ނުފޯރާނެތީ އެވެ. ޖަޕާންގައި ހުންނަ އަރްމާނީގެ ބްރާންޗުން ފަރުމާ ކުރި ދެ ޖިންސްގެ ދަރިވަރުންގެ ޔުނިފޯމެއްގެ އަގަކީ 80،000 ޔެން ނުވަތަ 736.0000 ޑޮލަރެވެ.
ޓައިމީ އިލެމެންޓްރީ ސްކޫލުން ބުނީ އަރްމާނީ ބްރޭންޑް ޔުނިފޯމް ތައާރަފުކުރީ އެ ސްކޫލްގެ ހައިބަތާއި ގިންޒާ އަވަށުގެ ފަޚުރު ދައްކުވައި ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ޔުނިފޯމަކީ ހަމަހަމަކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްޗެކެވެ. ހުރިހާ ދަރިވަރުން އެއްކަހަލަ ޔުނިފޯމެއް ބޭނުންކުރަނީ ވެސް އެ ސަބަބާ ހުރެ އެވެ.
ޓައިމީ އިލެމެންޓްރީ ސްކޫލުން ނިންމި ނިންމުމަކީ ދަރިވަރުންގެ މެދުގައި ހަމަހަމަކަން ގެއްލި، ތަފާތު ކުރުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ކަންބޮޑުވުން ފާޅުކުރި ބައެއް ބެލެނިވެރިން ބުންޏެވެ.
"އަހަރެން އެންމެ ހައިރާން ވަނީ އަރްމާނީ ކަހަލަ ލަގްޒަރީ ބްރޭންޑެއްގެ ޔުނިފޯމް ސްކޫލެއްގައި ތައާރަފު ކުރަން ނިންމީތީ،" ބެލެނިވެރިއަކު ބުންޏެވެ. "މީގެ ސަބަބުން މުއްސަނދި މީހުންނާއި އާދައިގެ މީހުންނާ ދެމެދު އޮތް ފަރަގު ބޮޑުވެ، ދަރިވަރުންނަށް ދެވޭ މެސެޖް ވެސް ވަރަށް ގޯސް ވެދާނެ."
"އަރްމާނީ" ޔުނިފޯމްގެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ މިއެވެ؛ އެހާ އަގު ބޮޑުކޮށް ގަންނަ ޔުނިފޯމް މާ އަވަހަށް ހަޑިވެ، ބައުވެ އާ ކުރަން ޖެހިދާނެތީ އެވެ.
އެހެންވެ މީގައި ބެލެނިވެރިންނަށް އޮތް އަނެއް ގޮތަކީ ވަކި ޔުނިފޯމެއް ނުލައްވައި ދަރިވަރުން ސްކޫލަށް ފޮނުވުމެވެ. ވަކި ޔުނިފޯމެއް ލައިގެން ސްކޫލަށް ދާން ޖަޕާންގައި މަޖުބޫރެއް ނޫނެވެ.