12 ފެބުރުއަރީ 2018 - 21:35

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް ނުކުންނައިރު ކުޅުންތެރިންގެ ތެރޭގައި ގައުމީ ވާދަވެރިކަން އޮތުމަކީ މެޗު އިތުރަށް ފޯރިގަދަވާނެ ސަބަބެއް ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލްގައި ކުޅުނު ބެންގަލޫރަށް މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ ޓީސީގެ މައްޗަށް ދެ ލެގުން ކުރި ހޯދައިފިނަމަ އެވެ.
ބެންގަލޫރުން އިންޑިއަން ސުޕަ ލީގުގައި ގާތްގާތުގަައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމުން އެ ޓީމުން މި މެޗަށް އައީ ބައެއް މުހިއްމު ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސުނިލް ޗެތުރީ ހިމެނެ އެވެ. ރޮކާ ބުނީ ވަރަށް އުނދަގޫ ޝެޑިއުލެއްގައި މި މެޗު ކުޅެން ޖެހުމުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
"އިންޑިއަން ސުޕަ ލީގުގެ މެދުތެރެއިން މި މެޗު ކުޅެން މި ޖެހުނީ. އުނދަގޫ ހާލަތެއް މިއީ. މުޅި ސްކޮޑު ބަދަލުކޮށްގެން ކުޅޭއިރު އުނދަގޫތަކެއް އެބަހުރި. ތިން ދުވަސް ފަހުން އެބަޖެހޭ ލީގުގެ ވަރުގަދަ މެޗެއް ޕޫނޭއާ ދެކޮޅަށް ކުޅެން. ހުރިހާ މެޗެއް ހުރިހާ ކުޅުންތެރިންނަށް ނުކުޅެވޭނެ. އެބަތިބި ފުރުސަތު ނުލިބޭ ރަނގަޅު ކުޅުންތެރިން ވެސް،" ކުރިން ބާސެލޯނާގައި މަސައްކަތްކުރި ރޮކާ ބުންޏެވެ.
އޭނާ ބުނީ ރާއްޖެ އާއި އިންޑިއާ އަކީ ވަރަށް ވާދަވެރި ދެ ގައުމުކަން އެނގިފައިވާ ކަމަށާއި އޭގެ ފައިދާ ދެ ޓީމަށް ވެސް އެބައޮތް ކަމަށެވެ.
"ތި އެންމެންނަށް އެނގޭނެ އަހަންނަށް ވުރެ ރަނގަޅަށް. އަހަރެންނަށް ވެސް މީހުން ކިޔައިިދިން ރާއްޖެ އާއި އިންޑިއާގެ ވާދަވެރިކަމުގެ ވާހަކަ. އަހަރެން ބޭނުމީ މި ވާދަވެރިކަމުގެ ފައިދާ އަހަރެންގެ ކުޅުންތެރިން ވެސް ނަގަން. އެއީ މެޗުން މޮޅުވެގެން. މި ކަހަލަ ވާދަވެރިކަމެއް ފުޓްބޯޅަ އަށް ރަނގަޅުވާނެ. އެއީ މެޗު ފޯރިގަދަވާނެ ވެސް ސަބަބެއް،" ރޮކާ ބުންޏެވެ.
މީގެ ކުރިން ބެންގަލޫރު މާލޭގައި ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ރޮކާ ބުނީ މިއީ މި މެޗަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.
ބެންގަލޫރު ވަނީ މިހާތަނަށް އިންޑިއަން ސުޕަ ލީގުގައި 15 މެޗު ކުޅެ 11 މެޗުން މޮޅުވެފަ އެވެ. އެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ވެސް ލިބިފަ އެވެ. ޓީސީން މި ސީޒަނުގައި އަދި ކުޅުނީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެ މެޗު އެކަންޏެވެ.
"ފަހަރެއްގައި ޓީސީ ވަރަށް ފްރެޝް ވެސް ވެދާނެ މި މެޗަށް. އަހަރެމެންނަށް ގިނަ މެޗުތަކެއް ކުޅުމުގެ އެޑްވާންޓޭޖެއް އޮވެދާނެ. އެކަމަކު ވިސްނަން ޖެހޭނެ ރާއްޖޭގެ މޫސުމާއި ދަނޑާއި މި ހުރިހާ ކަމެއް ބަލާއިރު ފަސޭހަވާނީ ޓީސީ އަށް. އަހަރެމެންނަކީ އިންޑިއާގެ ޓޮޕް ޓީމޭ ބުނުމުން ފަހަރެއްގައި އެއިން ނުރަނގަޅު ޕްރެޝަރެއް އައިސްފާނެ އިދިކޮޅު ޓީމު ދަށްކޮށްލަން ވިސްނައިފިނަމަ،" ރޮކާ ބުންޏެވެ.
ބެންގަލޫރުން ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާ ދެ ކޮޅަށް އެ ގައުމުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޮކާ ބުނީ މާދަމާރޭ ޓީސީއާ ދެކޮޅަށް ނުކުންނާނީ ވަކި ނަތީޖާއަކަށް ވިސްނައިގެން ނޫން ކަމަށެވެ.
"ރަށުންބޭރުގައި އެއްވަރުވެއްޖިއްޔާ އެ ނުވާނެ ގޯސް ނަތީޖާ އަކަށް. މާދަމާ މި ކުޅެން ޖެހެނީ ބޫޓާން ޓީމު (ޓްރާންސްޕޯޓް ޔުނައިޓެޑް) އަށް ވުރެން އުނދަގޫ ޓީމަކާ. އަހަރެންނަށް އެނގޭ އެ މީހުންގެ ވަރަށް ގިނަ ލަނޑު ޖެހި ބިދޭސީ ކުޅުންތެރިއަކު ހުރިކަން (އަނަޓޯލީ). އޭނައާ މެދު ވެސް އަދި އެ ޓީމުގައި ދެން ހުރި ކުޅުންތެރިންނާ މެދު ވެސް ސަމާލުވާނަން،" ރޮކާ ބުންޏެވެ.
ޓީސީ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.