14 ފެބުރުއަރީ 2018 - 06:24

ބެލާ ކްރޫޒަކީ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓޮމް ކްރޫޒާއި ނިކޯލް ކިޑްމަން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އެޑަޕްޓްކޮށްފެން ބޮޑުކުރި އަންހެން ކުއްޖެކެވެ. ކުރިން މޮޅު ކުރެހުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު 25 އަހަރުގެ ބެލާ މިހާރު ވަނީ އަމިއްލަ ކްލޯތިން ލައިނެއް ވެސް ތައާރަފުކޮށް، އޭނާގެ ބައެއް އުފެއްދުންތައް މާކެޓަށް ނެރެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ބެލާގެ ކުރެހުންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޓީޝާޓް ފަދަ އުފެއްދުންތަކެވެ. ޓީޝާޓްތަކުގެ އަގު އުޅެނީ 85 ޑޮލަރުން ފެށިގެންނެވެ.
ބެލާގެ އަމިއްލަ މި ކްލޯތިން ލައިނަށް ނަން ދީފައި ވަނީ އޭނާ ބަލައިބޮޑު ކުރި މައިންބަފައިންގެ ނަން ވެސް ހިމަނައިގެންނެވެ. ބްރޭންޑްގެ ނަމަކީ ބެލާ ކިޑްމަން ކްރޫޒް (ބީކޭސީ) އެވެ.
އިނގިރޭސިވިލާތުގެ އައިޓީ ކޮންސަލްޓަންޓެއް ކަމަށްވާ މެކްސް ޕާކާއާ ކައިވެނިކޮށްގެން އުޅޭ ބެލާ ބުނީ އަމިއްލަ ކްލޯތިން ލައިނެއް ތައާރަފު ކުރުމަކީ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.
"އަހަރެންގެ އަމިއްލަ ކްލޯތިން ލައިނެއްގެ އުފެއްދުންތަކުގައި އަމިއްލަ ކުރެހުންތައް ހިމަނައިގެން ނެރުމަކީ ވަރަށް ބޮޑަށް ކުރަން ބޭނުންފެވައި އޮތް ކަމެއް،" ބީކޭސީގެ ވެބްސައިޓްގައި އޭނާ ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި ބީކޭސީގެ ލޭބަލްގައި ބާޒާރަށް އަންނަ އުފެއްދުންތައް އިތުރުވެގެން ދާނެ."
ކްލޯތިން ލައިނަކާ އެކު އާ ކަމެއްގެ ތެރެއަށް ބެލާ އަށް ވަން އިރު، އޭނާ ވަނީ ކުރިން ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ވެސްޓް ލަންޑަންގެ ޑެލްމާރް އެކެޑެމީ އޮފް މޭކަޕް އެންޑް ހެއާއިން ގްރެޖްއޭޓްވެފައިވެ އެވެ.
އެކަމަކު ފަހުން ޑިޒައިނާއި ކުރެހުމުގެ ތެރެއަށް ޕްރޮފެޝަން ބަދަލުކޮށްލައި، ކުރީގެ ދޮންމަންމަ އަދި ބަތަލާ ކެޓީ ހޯމްސްގެ ކްލޯތިން ލައިން ހޯމްސް އެންޑް ޔޭންގްގައި 2006 ގައި ވެސް ބެލާ މަސައްކަތްކޮށްފައިވެ އެވެ.