15 ފެބުރުއަރީ 2018 - 06:29

ކަސްރަތަށް ދުވުމަކީ ގިނަ ބަޔަކު ގަޔާވާ ކަމެކެވެ. ވަގުތު ނެތިގެން ދުވަން ނުދެވިއްޖެ ނަމަ ދެން އިޚުތިޔާރުކުރަނީ ޓްރެޑްމިލަށް އެރުމެވެ. އެކަމަކު ގޭތެރޭގެ ޖާގައިގެ ދަތިކަމުން ކޮންމެ ގެޔަކު ޓްރެޑްމިލެއް ބެހެއްޓޭކަށް ނޯވެއެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ އައިޕީއޯ ސްޕޯޓްސްއިން އުފެއްދި މިނީ ވޯކް އަކީ ކުދި ތަންތަންކޮޅަށް އަމާޒުކޮށް، ސްމާޓްފޯނު އަސްލަކަށް ބަލައިގެން ފަރުމާކުރި ތުނި ތުނި ޓްރެޑްމިލްއެކެވެ.
ބިމަށްވުރެ މައްޗަށް 1.9 އިންޗި އާއި 3.5 އިންޗިއާ ދެމެދުގެ މިންވަރަކަށް ހިއްލާލާފައިވާ މި ޓްރެޑްމިލްގައި ދުވުމަށް ހުންނަނީ 47 އިންޗި، 18 އިންޗީގެ ޖާގައެކެވެ. އާދައިގެ ޓްރެޑްމިލްތަކުގައި ހުންނަ ގޮތަށް ބޮޑު އަތްގަނޑާއި މޮނީޓަރާއި އިނގިލިން ފިތްތަކަށް އޮބާނެ ކޮންޓްރޯލް ފިތެއް ވެސް މިޔަކު ނެތެވެ. މިނީ ވޯކްގެ ބަރުދަނުގައި ހުންނަނީ 25 ކިލޯއެވެ. މީގައި ކަސްރަތުކޮށް ނިމުމުން އެނދުތަންދޮށަށް ޖައްސާލީމަ ނިމުނީއެވެ. ދުވެލަންވީމަ ނަގައި ބޭނުންކޮށްފައި ރައްކާކުރަންވީއެވެ.
މިނީ ވޯކް މަސައްކަތްކުރަނީ އިންފްރާރެޑް ސެންސަރީ ސިސްޓަމަކުންނެވެ. މީގެ މައްޗަށް އަރާ ހިނގަން ފެށީމާ އެ ނިމުނީއެވެ. އެއް ފިލާފޮއްޗަކަށްވާ ގޮތަށް އޮންނާތީ މި ބާވަތުގެ ޓްރެޑްމިލްއިން ދޭ އިރުޝާދުތައް ފެންނަން ހުންނަނީ މީގެ ކޮޅުގައިވާ ޑިޖިޓަލް ޑިސްޕްލޭއިންނެވެ.
މިނީވޯކްގެ ދުވަންއަރާ ތަން ހުންނަނީ ތިން ބަޔަކަށްވާ ގޮތަށް ބައިކޮށްފައެވެ. ކުރީކޮޅަކީ ދުވެލި ބާރުކުރާ ބައެވެ. މެދުބައިން ދުވެލި ހުރި ވަރުގައި ހިފަހައްޓައިދެއެވެ. ދުވެލި މަޑުކުރާ ބައި އިންނަނީ އެންމެ ފަހަތުގައެވެ. ދުވާ މީހާ އަރައި ފައި ޖައްސާ ހިސާބަކުން ދުވެލި ބަހައްޓަންވީ މިންގަނޑު މިނީ ވޯކް ޓްރެޑްމިލް ދެނެގަނެއެވެ.