ޒައިދުގެ ދައުވާ އަނބުރާ ގެންދިިޔައީ އިތުރަށް ދިރާސާކުރަން: ޕީޖީ އޮފީސް
ޒައިދުގެ ދައުވާ އަނބުރާ ގެންދިިޔައީ އިތުރަށް ދިރާސާކުރަން: ޕީޖީ އޮފީސް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލްއަމީނަށް ދައުލަތުން ކުރި ދައުވާތައް އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރުމަށްޓަކައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ބްލެކްމެއިލްގެ ތުހުމަތެއްގައި ޒައިދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ގާނޫނީ ބާރު ހިންގުމަށް ދަތި ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އެވެ.

އެ ދައުވާތަކުގެ ޝަރީއަތް ހިނގަމުން ދަނިކޮށް އެ މައްސަލަތައް އިއްޔެ އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރަންޖެހޭ މައްސަލަތަކަކަށް ވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މައްސަލާގައި ކުރިން ޒައިދު ހައްޔަރުކޮށް، ދުވަސްތަކެއް ވަންދެން ބަންދުގައި ވެސް ބެހެއްޓި އެވެ. އެކަމަކު ފަހުން ވަނީ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެންމެ ފުރަތަމަ މައުމޫނަށް ތާއީދު ކުރަމުން ގެންދިޔަ ޒައިދު ވަނީ ފަހުން އެ ތާއީދު އަނބުރާ ގެންގޮސް، ރައީސް ޔާމީނަށް ތާއީދުކޮށްފަ އެވެ. އޭނާ މިހާރު ގެންދަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.