މެންބަރު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށްފި
މެންބަރު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްްމަދު މުސްތަފާ މިއަދު އަނެއްކާ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިއަދު މެންދުރު ދޭއް ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާން މުސްތަފާ ޗިޓު ފޮނުވީ، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކައެއްގައި، ރައްޔިތުން ނުކުމެ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލު ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ކުރާ ތުހުމަތުގަ އެވެ.

މުސްތަފާ ފުލުހަށް ހާޒިރު ކުރި އިރު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި މަޖިލީހުގެ ތިން މެމްބަރަކު މި ވަގުތު ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރު ކޮށްފަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

މީގެ އިތުރުން، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.