ރ. މަޑުއްވަރީ ކައުންސިލަރުގެ ސައިކަލު ރޯކޮށްލިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރު ކޮށްފި
ރ. މަޑުއްވަރީ ކައުންސިލަރުގެ ސައިކަލު ރޯކޮށްލިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރު ކޮށްފި

ރ. މަޑުއްވަރީ ކައުންސިލް ނައިބު ރައީސްގެ ސައިކަލު ރޯކޮށްލައި، ގެއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެ ރަށު ހަތަރު ޒުވާނުން ހައްޔަރު ކޮށްފި އެވެ.

ކައުންސިލްގެ ނައިބު، އިބްރާހިމް ތަސްލީމުގެ ސައިކަލުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރޯކޮށްލީ، ސައިކަލު އޭނާގެ ކޮޓަރި ކައިރީގައި ބަހައްޓާފަ ހުއްޓަ އެވެ. އިންސްޓޯލްމެންޓަށް ވަރަށް ފަހުން ނެގި އެ ސައިކަލުގައި ރޯކޮށްލުމުން ކޮޓަރީގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ބޭރުގައި ހުރި އޭސީ ވެސް އަނދާފައިވެ އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 19-24 އަހަރާ ދެމެދުގެ ހަތަރު ޒުވާނުންނެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އެ ރަށުންނެވެ.

ކައުންސިލް މެމްބަރު ނަސްރުﷲ ހުސައިން "މިހާރު"އަށް ކުރިން ވިދާޅުވީ ރޯކޮށްލި އިރު ތަސްލީމުގެ ދެމަފިރިންނާއި ހަތް މަހުގެ ދަރިފުޅު އޮތީ ކޮޓަރީގައި ނިދާފައި ކަމަށެވެ. އަދި އެ މީހުންނަށް ހޭލެވުނީ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ދޮރުފޮތިތަކުގައި އަލިފާން ރޯވެ ހޫނުވާން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވި ގޮތުގައި ކޮޓަރި ހުރި ގޮތުން އަލިފާންގަނޑުން ސަލާމަތްވެ އެ މީހުންނަށް އެ ތަނުން ނިކުމެވުނީ ވަރަށް އުނދަގުލުންނެވެ.

"ކުޑައިރުކޮޅެއް ލަސްވި ނަމަވެސް އެ މީހުންގެ ފުރާނަ އަށް ނުރައްކާ ވީސް."

އޭނާ ވިދާޅުވީ ސައިކަލުގައި ރޯވެފައިވާ އަލިފާންގަނޑު އަވަށްޓެރިންގެ އެހީއާ އެކު ނިއްވާލެވުނު އިރު އޭތި އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.