ސައުދީގެ "ލަގްޒަރީ ޖަލު" ގެސްޓުންނަށް ހުޅުވާލައިފި
ސައުދީގެ "ލަގްޒަރީ ޖަލު" ގެސްޓުންނަށް ހުޅުވާލައިފި

ރިޔާޒް (ފެބްރުއަރީ 12) - ކޮރަޕްޝަނަށް ތުހުމަތުކުރި ސައުދީ އަރަބިއާގެ އެތައް ބަޔަކު ބަންދުކޮށްފައި ބޭތިއްބި ރިޔާޒުގެ މަޝްހޫރު ރިޒް ކާލްޓަން ހޮޓާ އިއްޔެ އިން ފެށިގެން ގެސްޓުންނަށް ހުޅުވާލައިފި އެވެ.

ފަސް ތަރީގެ ހޮޓަލުގެ ރިސެޕްޝަން ސްޓާފުން ބީބީސީ އަށް ބުނެފައި ވަނީ ގެސްޓުން މިހާރު ނަގަން ފަށާފައިވާ ކަމަށެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު ރިޒް ކާލްޓަން ހޮޓަލަށް، ކޮރަޕްޝަނުގެ ތުހުމަތަށް ގެންދިޔަ ޕްރިންސުންނާއި ކުރީގެ ވަޒީރުން ހައްޔަރު ކުރަން ފެށި އިރު އެ ހޮޓަލުގައި ގެސްޓުން ތިއްބެވެ. ނަމަވެސް ފަހުން ވަނީ ގެސްޓުން އެހެން ހޮޓާތަކަށް ބަދަލުކޮށް ރިޒް ކާލްޓަން ހޮޓާ "ލަގްޒަރީ ޖަލަކަށް" ބަދަލުކޮށްފަ އެވެ. ސައުދީ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ރިޒް ކާލްޓަންގައި 381 މީހުން ބަންދުކުރި ކަމަށެވެ.

މީގެ ތެރޭން ސަރުކާރަށް ފައިސާ ދައްކަން އެއްބަސްވި މީހުން ވަނީ މިނިވަންކޮށްފަ އެވެ. ބައެއް މީހުން ވަނީ ސަރުކާރަށް އެއް ބިލިއަން ޑޮލަރު ދައްކައިފަ އެވެ. ސަރުކާރަށް ފައިސާ ދޭން އެއްބަސްވި މީހުންގެ އަތުން ވަނީ 107 ބިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ފައިސާ ދައްކަން އެއްބަސް ނުވި 56 މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާ އެ މީހުން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.