12 ފެބުރުއަރީ 2018 - 11:47

މެޑްރިޑް (ފެބްރުއަރީ 12) – ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ކޮންމެވެސް ދުވަހަކު ރެއާލް މެޑްރިޑަށް ކުޅޭނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު މާސެލޯ ބުނެފި އެވެ.
ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ނޭމާ ފްރާންސް ޕީއެސްޖީ އަށް ބަދަލުވީ މި ސީޒަނުގަ އެވެ. އެކަމަކު މިހާ އަވަހަށް، އޭނާއާ މެޑްރިޑާ ގުޅުވައިގެން ވާހަކަތައް ދެކެވެން ވަނީ ފަށައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލައިގެން ވެސް ނޭމާ ގެންނަން ތައްޔާރަށެވެ.
"އަހަރެން ދެކޭ ގޮތުގައި ނޭމާ ކޮންމެވެސް ދުވަހަކު ރެއާލް މެޑްރިޑަށް ކުޅޭނެ. ނޭމާ ރެއާލް މެޑްރިޑަށް ފިޓްވާނެތަ؟ ޔަގީނުން ވެސް އޭނާ ފިޓްވާނެ. އޭނާ މެޑްރިޑަށް އަތުވެއްޖެ ނަމަ އެކަން ވެގެންދާނީ ވަރަށް ބޮޑު ކަމަކަށް. އަހަރެންގެ ނަޒަރުގައި މޮޅު ކުޅުންތެރިން މި ކްލަބަށް ކުޅެން ޖެހޭނެ،" ނޭމާއާ އެއްކޮށް ބްރެޒިލް ޓީމަށް ކުޅޭ މާސެލޯ ބުންޏެވެ.
މިދިޔަ ސީޒަނުގައި ނޭމާ ބާސެލޯނާ ދޫކޮށްދިޔައީ އެ ޓީމުގައި ލިއޮނަލް މެސީ ހުރުމުން އޭނާ އަށް އެ ޓީމުގެ އެންމެ މުހިއްމު މަގާމް ނުލިބޭތީ ކަމަށް އޭރު ވާހަކަދެކެވުނެވެ. އެކަމަކު ޕީއެސްޖީގައި އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން އެންމެ އެކަށީގެންވާ ކްލަބް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭއިރު ނޭމާ މެޑްރިޑަށް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.
ނޭމާ ޕީއެސްޖީ އަށް ބަދަލުވި ދުވަސްވަރު ވެސް ވަނީ، އޭނާ އެ ޓީމަށް ބަދަލުވީ ބާސެލޯނާ އިން ސީދާ މެޑްރިޑަށް ބަދަލުވާން ބޭނުންނުވާތީ އެހެން ކްލަބެއްގައި ހުރެފައި މެޑްރިޑަށް ބަދަލުވާން ކަމަށް އަޑުއަރައިފަ އެވެ.