14 ފެބުރުއަރީ 2018 - 06:18

ޓީވީ ސިލްސިލާތައް ކުޅޭ ބަތަލާއިންނަށް ބޮލީވުޑް ފިލްމުތައް ކުޅުމުގެ ވަރަށް ރަނގަޅު ފުރުސަތުތައް މިހާރު އަންނަނީ ލިބެމުންނެވެ. އެގޮތުން "ކުމްކުމް ބާގްޔާ"ގައި ބުލްބުލްގެ ރޯލު އަދާކުރި މިރުނާލް ޓާކޫރް އަށް ވެސް ވަނީ ރިތިކް ރޯޝަން އަލަށް ފެށި ފިލްމު "ސުޕަ 30" ގައި މުހިއްމު ބައެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.

"ސުޕަ 30" އަކީި ހިސާބުގެ އިލްމަށް އަރާހުރި އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މިރުނާލް މި ފިލްމުގައި ކުޅެނީ ރިތިކްގެ އަންހެނުންގެ ބައި ކަމަށް ވެ އެވެ.
މިރުނާލް ކުޅޭ ރޯލަކީ ފިލްމުގެ ބަތަލާގެ ރޯލަށް ނުވެދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. އަދި އިތުރު ބަތަލާއަކު ފިލްމުގައި ލީޑް ރޯލު ކުޅުމަށް ހަމަޖައްސަފާނެ ކަމަށްވެ އެވެ.
ނަމަވެސް ސައިޑް ރޯލެއް ނަމަވެސް "ސުޕަ 30" ކަހަލަ ފިލްމަކުން ރިތިކާ އެކު ކުޅެން ލިބުމަކީ މިރުނާލް ކަހަލަ ބަތަލާއަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
ރިތިކާ އެކު މިރުނާލް ފިލްމުގެ މަންޒަރުތަކެއް ޝޫޓް ކުރަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.