13 ފެބުރުއަރީ 2018 - 06:22

ބޮބީ ޑެއޯލްގެ ފިލްމީ ކެރިއަރު ވަރަށް ބޮޑަށް ވަޅުޖަހާފައިވަނިކޮށް އޭނާ ސަލާމަތްކޮށްދިނުމުގެ މަސައްކަތް ސަލްމާން ޚާން ފަށައިފި އެވެ. ކޮންމެ ގޮތަކުން ނަމަވެސް ބޮބީގެ ކެރިއަރު އާ ފެށުމަކުން ފަށައިދޭން ސަލްމާން މިހާރު ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.
ބޮބީ އަކީ ވަރަށް ކުރިއްސުރެ ވެސް ސަލްމާނަށް ވަރަށް ކަމުދާ އެކްޓަރެކެވެ. ސަލްމާން މިހާރު ކުޅެމުން އަންނަ "ރޭސް 3"ގައި ބޮބީ ބައިވެރިވެ އެވެ. އަދި މިހާތަނަށް ޝޫޓްކޮށްފައިވާ ބައިތަކުގައި ބޮބީ ދައްކާފައިވާ ހުނަރުގެ ސަބަބުން ބޮބީގެ ކެރިއަރު ރަނގަޅުކޮށްދޭން ސަލްމާން ތެދުވީ ކަމަށް ބެލެވެ އެވެ. އެގޮތުން ސަލްމާން ކުޅެން ހަމަޖެހިފައިވާ ހުރިހާ ފިލްމަކުން ވެސް ބޮބީ އަށް ރޯލެއް ދޭން އޭނާ ގަސްތުކޮށްފައިވާ ކަމަށްވެ އެވެ.
"ރޭސް"ގެ ސީކުއަލްގެ މަސައްކަތަށް ފަހު ސަލްމާން ދެން ކުޅެން ހަމަޖެހިފައިވަނީ "ބާރަތު" އެވެ.
"ސަލްމާނަށް ބޮބީ 'ރޭސް 3'ގައި ކޮށްފައިވާ މަސައްކަތް ވަރަށް ކަމުދިޔަ. އެހެންވެ 'ބާރަތު'ގައި ބައިވެރިވާން ބޭނުންތޯ ބޮބީ ގާތު އެހީ. ބޮބީ ބުނީ ސަލްމާން ބުނެފިއްޔާ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރޭ. އެހެންވެ މިހާރު 'ބާރަތު' އުފައްދާ ފަރާތުން އަންނަނީ ބޮބީގެ ތާރީޚުތައް ފިލްމަށް ފިޓްކުރުމުގެ މަސައްކަތް ކުރަމުން،" ފިލްމުގެ ކާސްޓިންގައި މަސައްކަތްކުރާ މީހަކު އިންޑިއާ ޓުޑޭ އަށް ބުނެފައިވެ އެވެ.
މި ނޫނަސް ސަލްމާންގެ އިތުރު ފިލްމުތަކުން ވެސް ބޮބީ އަށް ޖާގަ ދޭން އޭނާ ބޭނުންވެ އެވެ.
"ބާރަތު" ޑައިރެކްޓްކުރަނީ އަލީ އައްބާސް ޒަފަރް އެވެ. ޕްރޮޑިއުސްކުރަނީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ އެވެ.
ސަލްމާން މިވަގުތު ހުރީ ބޮބީ އާއި ޑެއިޒީ ޝާހްއާ އެކު "ރޭސް 3"ގެ ޝޫޓިންގައި ބެންކޮކްގަ އެވެ.