ސައިނާ ނެހްވާލްގެ ފިލްމު ހުއްޓައެއް ނުލައި
ސައިނާ ނެހްވާލްގެ ފިލްމު ހުއްޓައެއް ނުލައި

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު ހުއްޓާލައިފިކަމަށް ޚަބަރު ފެތުރިފައި ވަނިކޮށް، ފިލްމު ހުއްޓާނުލާކަން ޕްރޮޑިއުސަރުން ކަށަވަރު ކޮށްދީފި އެވެ. މި ފިލްމުގައި ސައިނާގެ ރޯލު އަދާކުރަނީ ޝްރައްދާ ކަޕޫރެވެ. ފިލްމު ސެޕްޓެމްބަރަށް ފަސްކޮށްލަން ޕްރޮޑިއުުސަރުން ނިންމީ ސައިނާގެ ރޯލަށް ފިޓްވާން ޝްރައްދާ އަށް ވަގުތު ބޭނުންވާތީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޝްރައްދާ މިހާރު އަންނަނީ ބެޑްމިންޓަން ޕްރެކްޓިސްތަކުގައި ބައިވެރިވަމުން އެހެން ބައެއް ފިލްމުތަކުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން އޭނާ ވަރަށް އަވަހަށް "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިން ފަށަން ވަނީ ހަމަޖެހިފަ އެވެ.

ސައިނާ ބައޮޕިކް ފަސްވި ސަބަބުތައް ހާމަކޮށް، ފިލްމާ ބެހޭ މައުލޫމާތު އެނގޭ މީހަކު އިންޑިއާގެ ނޫހަކަށް ކިޔައިދިން ގޮތުގައި ޝްރައްދާ އަށް "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ސްކްރިޕްޓް ކިޔައިދިނުމުން އެ ފިލްމު ކުޅޭހިތް ވަރަށް ބޮޑަށް ވިއެވެ. ނަމަވެސް ސައިނާގެ ބައޮޕިކް އާއި މި ފިލްމުގެ ތާރީޚްތައް ފުށުއަރާތީ ފިލްމުގައި ސޮއިކުރަން އުނދަގޫވި އެވެ.

އެހެންވެ ސައިނާ ބައޮޕިކްގެ ޕްރޮޑިއުސަރު ޕްރޭރްނާ އަރޯރާ އާއި "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު މަޝްވަރާ ކޮށްފައި ސައިނާ ބައޮޕިކް ދެ ތިން މަހެއް ފަސްކޮށްފައި އެންމެ ފުރަތަމަ "ބައްތީ ގުލް" ނިންމުމުގެ ފުރުސަތު ޝްރައްދާ އަށް ދޭން އެއްބަސްވީ އެވެ.

"ބައްތީ ގުލް މީޓަރު ޗާލޫ" އަކީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކުރާ ފިލްމަކަށް ވެފައި އޭނާއާއެކު ފިލްމެއްގައި މަސައްކަތްކުރަން ޝްރައްދާ ހުރީ ވަރަށް ބޭނުންވެފަ އެވެ. އެހެންވެ ސައިނާ ބައޮޕިކް ލަސްކުރަން އެއްބަސްވެ އަދި އަނެއް ފިލްމު ކުޅެދޭ އަގު ކުޑަކޮށްދޭން ވެސް ޝްރައްދާ ވަނީ އެއްބަސް ވެފަ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "ބައްތީ ގުލް މީޓަރު ޗާލޫ"ގެ މަސައްކަތް ޝްރައްދާ ފަށާނީ އޭޕްރީލްގަ އެވެ. އަދި ސައިނާ ބައޮޕިކްގެ މަސައްކަތް ފަށާނީ ސެޕްޓެމްބަރުގަ އެވެ.

"ބައްތީ ގުލް"ގެ ބަތަލަކީ ޝާހިދު ކަޕޫރެވެ. ޝްރައްދާ ކުޅޭނީ ކުޑަ އަވަށެއްގައި ދިރިއުޅޭ ސީދާ ސާދާ އަންހެންކުއްޖެއްގެ ރޯލެވެ.