14 ޖުލައި 2016 - 17:50

ސޯޝަލް އެންޑް ސައިންސްގެ ދާއިރާއަށް ހާއްސަކޮށްގެން އަންނަ އޮކްޓޯބަރު މަހު ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަން ވިލާ ކޮލެޖުން ނިންމައިފި އެވެ.
"ޗޭންޖިން ލައިވްސް: ޑިވެލޮޕިން ނޭޝަންސް"ގެ މައުލޫއަށް މި ކޮންފަރެންސް ބާއްވަނީ އޮކްޓޯބަރު މަހުގެ 22 އަދި 23 ވަނަ ދުވަހެވެ. ވިލާ ކޮލެޖުން ބުނިގޮތުގައި އެފަދަ މައުލޫއެއް ކަނޑައެޅީ ދުނިޔެ ތަރައްގީވަމުން އަންނަ ހަލުއިމިނާއެކު މީހުންގެ ދިރިއުޅުމަށާއި ގައުމުތަކުގެ ހާލަތަށް އަންނަ ބަދަލުތަކަށް އަލި އަޅުވާލުމަށެވެ.
ކޮންފަރެންސްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހެވެ. މީގައި ބައިވެރިވެވޭނީ ފީއެއް ވެސް ދައްކައިގެންނެވެ. އެއީ ސެޕްޓެމްބަރު އަށެއްގެ ކުރިން ރަޖިސްޓްރީކޮށްފިނަމަ 300ރ، ސެޕްޓެމްބަރު 18ގެ ކުރިން ނަމަ 400ރ. އަދި ދަރިވަރުންނަށް 100ރ. އަށެވެ.
މި ކޮންފަރެންސާ ގުޅޭ މައުލޫމާތު ހިއްސާކުރަން ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ މި ކޮންފަރެންސުގައި ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީއެއްގެ ތަޖުރިބާކާރު ޕްރޮފެސަރަކު ތަގުރީރުކުރައްވަން ހަމަޖައްސާފައިވާއިރު ޔޫރަޕާއި އޭޝިޔާގެ މަގުބޫލް ޔުނިވާސިޓީތަކުގެ ބޭފުޅުން ޕޭޕަރު ހުށަހަޅާނެ ކަމަށެވެ. ރާއްޖޭގައި އުޅޭ ތައުލީމީ ބޭފުޅުންނަށް ވެސް ރިސާޗު ޕޭޕަރު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޭޕަރެއް ނުވަތަ ޕޯސްޓަރެއް ހުށަހަޅާ ފަރާތެއް ނަމަ އިތުރު ފީއެއް ދައްކާކަށް ނުޖެހޭ ކަމަށެވެ.
ރިސާޗު ޕޭޕަރުތައް ހުށަހެޅޭނީ މައިގަނޑު އަށް ދާއިރާއަށެވެ. އެ ދާއިރާތަކަކީ:
- ޕޮލިޓިކްސް، ޕޮލިސީ، ލޯ އެންޑް ގަވަނެންސް
- ބިޒްނަސް، މެނޭޖްމަންް، ފައިނޭންސް އެންޑް ކޯޕަރޭޓް ގަވަނަންސް
- އެންވަޔަރްމަންޓް އެންޑް ޓެކްނޮލޮޖީ
- ލެންގުއޭޖް، މީޑިއާ އެންޑް ކޮމިއުނިކޭޝަން
- ސައިކޮލޮޖީ، އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް
- ހެލްތް، ނާސިން އެންޑް ސޯޝަލް ވޯކް
- ރިލިޖަން، އާޓް، ކަލްޗާ އެންޑް ޓޫރިޒަމް
- އެހެނިހެން
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ އެގްޒެކެޓިވް ޑީން ޑރ. މުހައްމަދު އާދިލް ވިދާޅުވީ މި ކޮންފަރެންސަށް ހުށަހަޅާ ރިސާޗު ޕޭޕަރުތައް އެ ކޮލެޖުގެ އިންޓަނޭޝަނަލް ޖާނަލްގައި ޝާއިއުކުރާނެ ކަމަށެވެ.
"ވަރަށް ބޮޑު އެޑްވެންޓޭޖެއް މިއީ މި ކޮންފަރެންސަށް ހުށަހަޅާ ފަރާތްތަކަށް ލިބޭ،" އަދީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ މަޝްހޫރު އިތުރު ޔުނިވާސިޓީތަކާ ވެސް މިހާރު ވާހަކަދައްކަމުން އަންނަ ކަމަށެވެ.