12 ފެބުރުއަރީ 2018 - 09:08

ސައުތެމްޓަން (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، ސައުތެމްޓަންގެ މައްޗަށް 2-0 އިން ކުރިހޯދައި ލިވަޕޫލް އަލުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން ޔުނައިޓެޑް ބަލިވުމުން ލީގުގެ އެއް ވަނައިގައި ސިޓީ އަށް ވަނީ 16 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އަދި ޔުނައިޓެޑަށް ލީގުގެ ދެ ވަނަ މަގާމު ގެއްލުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. ލީގުގެ އެއް ވަނައިގައި ސިޓީ 27 މެޗުން 72 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ޔުނައިޓެޑް އޮތީ 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ 27 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި 11 މެޗު ޔުނައިޓެޑާއި ސީޓީ އަށް ބާކީ އޮތްއިރު، އޭޕްރީލް މަހު 7 ވަނަ ދުވަހު ޔުނައިޓެޑް އަތުން މޮޅުވެގެން ސިޓީ އަށް ލީގު ކަށަވަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ މެޗުގެ ކުރިން ސިޓީ އާއި ޔުނައިޓެޑް ކުޅޭ ހުރިހާ މެޗުތަކުން މި ދެ ޓީމު މޮޅުވެއްޖެނަަމަ، ލީގު ޔަގީންކުރަން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ އަށް ބޭނުންވަނީ ޕޮއިންޓެކެވެ.
ރޭގެ މެޗުގައި ޔުނައިޓެޑް ކޮޅަށް ނިއުކާސަލްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ މެޓް ރިޗީ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރިޗީ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހަށް ފަހު ނިއުކާސަލް ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.
ޔުނައިޓެޑަށް މި މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ނިއުކާސަލަށް ކުޅުނު ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރަވްކާ ވަނީ ގިނަ ބޯޅަތަކެއް މަތަކޮށްފަ އެވެ. އޭގެ ތެރޭގައި ޖެސޭ ލިންގާޑާއި އެންތަނީ މާޝިއަލް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހިމެނެ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ނިއުކާސަލުން ކުޅުނީ މޮޅުވުން ހައްގު ކުޅުމެއް ކަމަށެވެ.
"މޮޅުވުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ނިއުކާސަލުން ކުރި. އަހަރެންގެ ނަޒަރުގައި މިއީ އަހަރެމެން 10 ގަޑިއިރު ވަންދެން ކުޅުނަސް ލަނޑެއް ނުޖެހި ނިންމާލަން ޖެހިދާނެ ފަދަ މެޗެއް. އެއީ މި މެޗު ދިޔަ ގޮތުން އެނގިއްޖެ މިއީ އަހަރެމެންގެ ދުވަހެއް ނޫން ކަން،" މޮރީނިއޯ ބުންޏެވެ.
ސައުތެމްޓަނާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ އެވެ. މި މެޗުގައި ސަލާހު ޖެހި ގޯލާ އެކު އޭނާ ވަނީ އެއް ސީޒަނެއްގައި ވާތު ފައިން 19 ލަނޑު ޖަހައިގެން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ރޮބީ ފައުލާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.
މިއީ ލިވަޕޫލުން ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ލީގުގައި ހޯދި 50 ވަނަ މޮޅެވެ. އޭނާ ބުނީ މިއީ ޖުމްލަކޮށް ފުރިހަމަ އަށް ދިޔަ މެޗެއް ކަމަށެވެ.
"އަހަރެމެން ވަރަށް މޮޅު ދެ ގޯލު ޖެހިން. ދެ ވަނަ ހާފުގައި އިތުރު ގޯލުތަކެއް ޖެހެން ވެސް ދިޔަ. މިއީ އަހަރެމެންނަށް ހައްގު ތިން ޕޮއިންޓް. ކްލީން ޝީޓެއް ލިބި ކުޅުންތެރިޔަކަށް އަނިޔާނުވެ ނިންމާލުމުން. މިއީ ޖުމްލަކޮށް ފުރިހަމަ އަށް ދިޔަ މެޗެއް،" ކްލޮޕް ބުންޏެވެ.
މި މެޗަކީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ސައުތެމްޓަން ދޫކޮށް ލިވަޕޫލަށް ބަދަލުވި ވާޖިލް ވެން ޑައިކް އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.