ކުށްވެރިން ހޯދަން ޗައިނާ ފުލުހުން އޭއާރް އައިނު ބޭނުންކުރަނީ
ކުށްވެރިން ހޯދަން ޗައިނާ ފުލުހުން އޭއާރް އައިނު ބޭނުންކުރަނީ

ދިހަ މިލިއަނެއްހާ މީހުންގެ އާބާދީއެއް ބެލެހެއްޓުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. ޗައިނާގެ ޒެންގްޒޫ ފުލުހުން މިކަން ދަނެއެވެ. ކުރިމަތިވަމުން އަންނަ، ޗައިނާގެ އާ އަހަރާ ދިމާކޮށް ރަށުތެރޭގައި ހަލަބޮލިކަން އުފެދިދާނެތީ އެ ތަނުގެ ފުލުހުން އޭއާރު އައިނު ބޭނުންކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އޭއާރަކީ އޮގްމެންޓެޑް ރިއަލިޓީއެވެ. މާނައަކީ އައިނުން ފެންނަ މަންޒަރުން އިތުރު އެތައް މައުލޫމާތުތަކެއް ވަގުތުން ހާމަކޮށްދިނުމެވެ. މިފަދަ މައުލޫމާތުތައް، ލޯމަތިން ސްކްރީނެއްގެ ސިފައިގައި ފެންނާނެއެވެ. ސައިންސް ފިކްޝަން އިގިރޭސި ފިލްމުތަކުގައި ފެންނަ ގޮތަށެވެ.

މެދުތެރޭ ޗައިނާގެ ހިނާން ޕްރޮވިންސްގެ މައި ސަހަރުގައި ހަތަރު ފުލުހަކު މިހާރު އަންނަނީ އޭއާރު އައިނު ބޭނުންކުރަމުންނެވެ. ޝައްކުވާ ފަދަ ގޮތަކަށް އަމަލުތައް ހުންނަ މީހުންގެ ފޮޓޯ ނެގުމަށް ފަހު، ސެންޓްރަލް ޑޭޓާބޭހަށް އަޅާފައިވާ، މޫނު ދެނެގަންނަ ނިޒާމް މެދުވެރިކޮށް އެމީހެއްގެ ވަނަވަރާއި ފަތިފުށް ބަލައިލެއެވެ. ޖިނާއީ ކުށުގެ ރިކޯޑުތަކުން ފެށިގެން އެންމެ ފަހުން އުޅުނު ގޭގެ އެޑްރްހާ ހަމައަށެވެ. އެ މީހަކު މިވަގުތު ހުރި ހޮޓަލަކާއި އިންޓަނެޓް ބޭނުންކުރަމުންދާ ގޮތް ވެސް ޒެންގްޒޫގެ ފުލުހުންނަށް ހޯދެ އެވެ.

އޭއާރު އައިނުން ފުލުހުންނަށް ހޯދުނު ކާމިޔާބީއާ ބެހޭ ގޮތުން ޕީޕަލްސް ޑެއިލީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭގެ އައިނުން ލިބުނު މައުލޫމާތުން މިހާތަނަށް ހަތް މީހުން ހައްޔަރުކުރެވިއްޖެ އެވެ. އެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އިންސާނީ ވަގުފާރި އާއި މީހުން މަރާފައި ފިލައިގެން އުޅުމާއި ވަގު ލިޔެކިޔުންތައް ގެންގުޅުމުގެ ތުހުމަތު ހިމެނެއެވެ.

ޗައިނާއަކީ ފޭސް ރިކޮގްނިޝަން ސިސްޓަމް ނުވަތަ މޫނު ދެނެގަންނަ ނިޒާމަށް ފަރިތަ ބައެކެވެ. ޗައިނާގައި ގިނަ ޚިދުމަތްތައް ހޯދުމަށް މި ސިސްޓަމް ބޭނުންކުރަންޖެހެއެވެ.