11 ފެބުރުއަރީ 2018 - 18:26

ސުޕްރީމް ކޯޓަށާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރަންޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކުން އެގޮތަށް އެންގީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކޮށް، އަދި ސަސްޕެންޑް ކޮށްފައިވާތީ އެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ އެއް މައްސަލައެއްގައި ހައްޔަރުކޮށް، ސަސްޕެންޑްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވަނީ އުއްތަމަ ފަނޑިޔާރު ނެތް ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ ކޯޓުގައި ދެން ހުންނެވި އެންމެ ސީނިއާ ފަނޑިޔާރަކު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި މިވަގުތު އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައި ވާތީ، މިއަދުން ފެށިގެން ސުޕްރީމް ކޯޓަށާއި ޑީޖޭއޭ އަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރަން ވާނީ ފަނޑިޔާރު އަރީފަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވީ ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.