12 ފެބުރުއަރީ 2018 - 06:22

ކޮންމެ ސުޕަހިޓް ފިލްމަކާ އެކު އެ ފިލްމެއްގެ ތަރިން، ފިލްމު ކުޅޭ އަގު ބޮޑުކުރެ އެވެ. "ޕަދްމާވަތު"ގެ ކާމިޔާބީއަށް ފަހު ދީޕިކާ ޕަދުކޯންގެ އަގު އަދިވެސް 13 ކްރޯޑު (130 މިލިއަން ރުޕީސް) ގައި ބަހައްޓާފައި ހުރި ނަމަވެސް ފިލްމުގެ އެއް އެކްޓަރު ރަންވީރު ސިންގް ވަނީ ފިލްމު ކުޅޭ އަގު ބޮޑުކޮށްފަ އެވެ.
މިހާރު ރަންވީރު ވެސް ފިލްމެއް ކުޅެދެނީ 130 މިލިއަން ރުޕީސް އަށެވެ.
ފިލްމީ ވިޔަފާރީގެ މާހިރުން ބުނި ގޮތުގައި "ޕަދްމާވަތު"ގެ ކާމިޔާބީން ފިލްމުގެ ތަރިން އަގު ބޮޑުކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. "ޕަދްމާވަތު" ރިލީޒްކުރެވުނީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ކަމުން ހުރިހާ ހިސާބެއްގައި ރިލީޒްކުރެވި މިހާރު ލިބިފައިވާ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ލިބުނު ނަމަ ރަންވީރު ފިލްމު ކުޅޭ އަގު އަގު މިއަށް ވުރެ ވެސް ބޮޑުކުރީސް ކަމަށް ޓްރޭޑް އެނަލިސްޓް ބުންޏެވެ.
"ޕަދްމާވަތު" ކުޅެދޭ އަގު ދީޕިކާ ބޮޑުކުރީ އަހަރު ދުވަސް އެއްކޮށް އެ ފިލްމަށް ހުސްކުރަން ޖެހުނީމަ އެވެ. އާއްމުކޮށް ފިލްމަކަށް ތަރިން ދެނީ ގިނަވެގެން 60 ދުވަހެވެ. ނަމަވެސް މިހާރު ދެން އެހެން ފިލްމެއް ކުޅެން ވެސް ދީޕކާ ހެޔޮ އަގެއް ކިޔާނެ ކަމަކަށް ނުބެލެވެ އެވެ.