14 ފެބުރުއަރީ 2018 - 06:20

"ޕަދްމާވަތު"ގެ ސަބަބުން ގިނަ ފިލްމުތަކެއް ވަނީ ރިލީޒްކުރާ ތާރީޚު ބަދަލުކޮށްފަ އެވެ. އެގޮތުން ތާޕްސީ ޕަންނޫ އާއި ސާގިބް ސަލީމްގެ "ދިލް ޖަންގްލީ" ނެރުން ވެސް ލަސްކޮށްލަން ޖެހެ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން އޮތީ މި މަހުގެ 16ގަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުން މިހާރު ވަނީ އަންނަ މަހުގެ 9 އަށް ފަސްކޮށްފަ އެވެ.
ފިލްމު ފަސްކޮށްލަން ނިންމީ ނީރަން ޕާންޑޭގެ "އައްޔާރޭ" އާ ކުރިމަތިލުމަކަށް ނުދާން ވެގެންނެވެ.
މި ޚަބަރު ހިއްސާކުރަމުން ތާޕްސީ ކުރި ޓުވީޓެއްގައި "ދިލް ޖަންގްލީ" ބަލައިލަން ކުރާ އިންތިޒާރު ކުޑަކޮށް ދިގުވެއްޖެ ކަމަށާއި މިހާރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މާޗް 9 ގައި ކަމަށް ބުނެފައިވެ އެވެ.
ތާޕްސީ އާއި ސާގިބް މި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ތާޕްސީ އާއި ސާގިބްގެ އިތުރުން މި ފިލްމުގައި އަބިލާޝް ތަޕްލިޔާލް، ޝްރިޝްތީ ޝްރީވާސްތަވް އަދި ނިދީ ސިންގް ހިމެނެ އެވެ. ޕޫޖާ އެންޓަޓައިންމަންޓް އާއި ދިނޭޝް ޖެއިން ޕްރެޒެންޓްކޮށްދޭ ވާޝޫ ބަގްނާނީގެ ފިލްމެކެވެ.
މި ފިލްމާ ބެހޭ ގޮތުން ތާޕްސީ ބުނީ އޭނާ އަކީ ހަގީގަތުގައި އެހާ ރޮމެންޓިކް މީހެއް ނޫން ނަމަވެސް ފިލްމުގައި ކުޅެނީ ވަރަށް ރޮމެންޓިކް ރޯލެއް ކަމަށެވެ. ކެމެރާ ކުރިމަތީގައި ނަމަވެސް މިފަދަ ރޯލެއް ކުޅެން ވަރަށް އުނދަގޫވި ކަމަށާއި ސަބަބަކީ އޭނާއަކީ އެ ސިފަތައް ހުރި މީހަކަށް ނުވާތީ ކަމަށް ތާޕްސީ ބުންޏެވެ.