12 ފެބުރުއަރީ 2018 - 06:21

އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު "ޕެޑް މޭން" ދެއްކުން ޕާކިސްތާނުގައި މަނާ ކޮށްފި އެވެ. އެ ގައުމުގެ ފެޑެރަލް ސެންސަރު ބޯޑުން ވަނީ މި ފިލްމު ފާސްކޮށްދިނުމަށް ދެކޮޅު ހަދައިފަ އެވެ.
އާރް. ބާލްކޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މައްސަރުކަންތައް ޖެހުމާ ގުޅިގެން އަންހެނުން އުފުލާ ތަކުލީފުތަކަށް ހޭލުންތެރިކުރުވުމަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ސޯނަމް ކަޕޫރާއި ރާދިކާ އަޕްޓޭ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމު ފާސްކޮށްނުދިން ސަބަބު ހާމަކުރަމުން ސެންސަރު ބޯޑުގެ މެމްބަރު އިސްހާގު އަހުމަދު ވިދާޅުވީ ޕާކިސްތާނުގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ ފިލްމެއް އެ ގައުމުގައި ދެއްކުމުގެ ހުއްދަ ދެވެން ނެތީ ކަމަށެވެ.
ޕަންޖާބުގެ ސެންސަރު ބޯޑުން ވެސް ފިލްމު ފާސްކޮށެއް ނުދިނެވެ. އެންމެ ކުޑަމިނުން ސެންސަރު ބޯޑު މެމްބަރުން ފިލްމު ބަލަން ވެސް އެއްބަހެއް ނުވި އެވެ.
"އަހަރެމެންގެ ދީނާއި ސަގާފަތާއި އާދަކާދައާ ނުގުޅޭ މިފަދަ ފިލްމުތައް ސިނަމާތަކުގައި އަޅުވާކަށް ހުއްދައެއް ނުދެވޭނެ،" ސެންސަރު ބޯޑު މެމްބަރަކު ބުންޏެވެ.
"ޕެޑްމޭން" އަށް އިންޑިއާގައި ފުދޭ ވަރެއްގެ ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފުރަތަމަ ދުވަހު ފިލްމު ވަނީ 10 ކްރޯޑު (100 މިލިއަން ރުޕީސް) ހޯދައިފަ އެވެ. އަދި ހަފުތާ ބަންދު ނިމޭއިރު 50 ކްރޯޑު (500 މިލިއަން ރުޕީސް) ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންހެނުންނަށް ހެޔޮއަގުގައި ސެނިޓަރީ ޕެޑްސް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސެނިޓަރީ ޕެޑްސް ތައްޔާރުކުރާ މެޝިނެއް އީޖާދުކުރި އަރުނަޗަލަމް މުރުގަނަންތަމް ކިޔާ މީހެއްގެ ހަގީގީ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.