ސައުދީ-އިޒްރޭލުގެ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރި އެކްޓިވިސްޓް ހައްޔަރުކޮށްފި
ސައުދީ-އިޒްރޭލުގެ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރި އެކްޓިވިސްޓް ހައްޔަރުކޮށްފި

ރިޔާޒް (ފެބްރުއަރީ 11) - ސައުދީ އަރަބިއާ އާއި އިޒްރޭލުގެ ގުޅުން ރަނގަޅުވެ އެ ގުޅުމާ ބެހޭ ގޮތުން ސުވާލުކުރި ސައުދީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސި ވިލާތުގައި ހިންގާ އިންސާނިއްޔަތަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނެފި އެވެ.

ސައުދީގެ އިންސާނީ ހައްގުތަކަށް މަސައްކަތް ޖަމާއަތެއް ކަމަށްވާ އަލްގަސްތު އިން ބުނީ ނުހާ އަލް ބަލަވީ ހައްޔަރުކޮށްފައި ވަނީ ހުޅަނގު އުތުރުގެ ތަބޫކް ސިޓީން ކަމަށެވެ. އޭގެ ފަހުން ވަނީ ސައުދީ އާއި އިޒްރޭލުގެ ގުޅުމާ ބެހޭ ގޮތުން އޭނާ ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން ސުވާލު ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި އެއް ވީޑިއޯއެއްގައި އަލް ބަލަވީ ވަނީ އިޒްރޭލާއި ސައުދީން ގުޅުން ބަދަހި ކުރުމަކީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން އެރުން އެންމެ ރަނގަޅު ކަމަށް ސައުދީން ގަބޫލް ކުރުން ކަމަށް ބުނެފަ އެވެ.

"ކޮންމެ އަގެއްދީފައި ވެސް އިޒްރޭލް ގަބޫލް ކުރުން ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ. އިޒްރޭލާ ގުޅުން ބަދަހިކޮށްގެން އެއްވެސް އަރަބި ގައުމަކަށް ކުރާނެ ފައިދާއެއް ނޯންނާނެ،" އަލް ބަލަވީ ބުނެފައިވެ އެވެ.

އިޒްރޭލާއި ސައުދީގެ ގުޅުން ރަނގަޅުވަމުންދާ ކަމުގެ ނިޝާންތައް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ފެންނަން ފަށައިފަ އެވެ.

އަލް ބަލަވީގެ މައްޗަށް ދައުވާ ކުރަނީ ސައިބަކްރައިމް ގާނޫނުގެ ދަށުން ކަމަށްވެ އެވެ. އެ ގާނޫނުގެ ހަ ވަނަ މާއްދާގައިވާ ގޮތުން އާއްމު މަސްލަހަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ފަތުރައިފި ނަމަ ފަސް އަހަރަށް ޖަލަށް ނުވަތަ 800،000 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.