11 ފެބުރުއަރީ 2018 - 14:36

ރާއްޖެ އަންނަން އޮތް އޮތުން މަޑުޖައްސާލަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެދިފައި އޮތް ނަމަވެސް، އޭއެފްސީ ކަޕުގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީން ރާއްޖެ އައުމަށް ފުރަން ތައްޔާރުވެއްޖެ އެވެ.
އެކަން އެފްއޭއެމުން އަދި ބެންގަލޫރުން ވަނީ "މިހާރަ"ށް ކަށަވަރުކޮށްދީފަ އެވެ. ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ޓީމު ގޮވައިގެން އަންނަ އެއާ އިންޑިއާގެ ބޯޓު މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖައްސަން ޝެޑިއުލްކޮށްފައިވަނީ މެންދުރުފަހު 4:05 ގަ އެވެ.
ބެންގަލޫރުން އަތުވެދާނެ ކަމާ މެދު ސުވާލު އުފެދުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީ އަށް އަމަލުކުރަން ބެންގަލޫރަށް މިނިސްޓްރީން އެންގުމުންނެވެ. އެ އެޑްވައިޒަރީގައި ވަނީ ވަކި ގޮތެއް އަންގަންދެއް، އިންޑިއާގެ ރައްތިޔުން ރާއްޖެ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލަން އަންގައިފަ އެވެ.
އެކަމަކު އޭރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދިން ޔަގީންކަމާ އެކު މެޗު ތާވަލާ އެއްގޮތަށް ކުރިއަށްގެންދަން އޭއެފްސީން އޮތީ ނިންމައިފަ އެވެ. އޭއެފްސީން ކުޅެން ރާވާފައި އޮއްވާ ބެންގަލޫރުން މެޗަށް ހާޒިރުނުވެއްޖެ ނަމަ މެޗުން ޓީސީ މޮޅުވީ ކަމަށް ނިންމާނެ އެވެ. އަދި ބޮޑު އަދަބެއް އައުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މި މައްސަލަގަނޑު ހިލުނުއިރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ވަނީ މެޗު ކުރިއަށް ގެންދިއުމާ މެދު އޭއެފްސީން ވިސްނުމަށް އެދި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގައިފަ އެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، އަންގާރަ ދުވަހުގެރޭ ކުޅެން އޮތް ސީޒަން ހުޅުވާ މެޗު ފަސްކުރި އެވެ. އެކަމަކު އޭއެފްސީ ކަޕް މެޗު ކުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ސީޒަން ހުޅުވާ މެޗު އަލުން ކުޅޭނެ ތާރީހެއް ނިންމުމަށް މިއަދު އެފްއޭއެމުން ބައްދަލުވާނެ އެވެ.
ޓީސީ އާއި ބެންގަލޫރުން އަންގާރަ ދުވަހު މާލޭގައި ކުޅޭއިރު ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި ބެންގަލޫރުގަ އެވެ. ދެ ލެގުން ކުރި ލިބޭ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.