12 ފެބުރުއަރީ 2018 - 06:19

މީގެ 10 ވަރަކަށް އަހަރު ކުރިން، ސްޓްރޯކް ޖެހޭ މީހުންގެ އެވްރެޖް އުމުރަކީ 71 އަހަރެވެ. ނަމަވެސް 2016 ގައި މި އުމުރު ވަނީ 68 އަހަރަށް ދަށްވެފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ސްޓްރޯކް ޖެހޭ މީހުންގެ އުމުރު ހަގުވުމުގެ މައިގަނޑު މައްސަލައަކީ ދިރިއުޅުމުގެ ވައްޓާފާޅި އަށް އަންނަ ބަދަލު ކަމަށެވެ. ޖަންކް ފުޑް ކެއުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ރާ ބުއިން އަދި ކަސްރަތު ނުކުރުން މިއީ ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބުތައް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިގޮތަށް ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ވުމުން ވަރަށް ޒުވާން އުމުރުގައި ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން، ހިތުގެ ވިންދު ޖެހުމުގައި މައްސަލަތައް ދިމާވުމުން ފަދަ ކަންތައްތައް ދިމާވެ އެވެ. ނަތީޖާއަކަށް ވަނީ ލޭ ހޮޅިއެއް ބްލޮކްވުމުން ނުވަތަ ފަޅައިގެންގޮސް ސިކުނޑިއަށް ލޭ ފޮނުވައިދިނުމަށް ނުކުޅެދުމެވެ.
އިނގިރޭސި ވިލާތުގައި 2016 ގައި އެކަނިވެސް 57،000 މީހުންނަށް އަލަށް ސްޓްރޯކް ޖެހިފައިވެ އެވެ. މީގެ ތެރެއިން ތިން މީހަކުން އެކަކަށް އިތުރު ސްޓްރޯކްތައް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެ އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑްގެ ޕްރޮފެސާ ޖޫލިއާ ވާނޭ ވިދާޅުވި ގޮތުގައި ވަރަށް ގިނަ މީހުންނަށް ހީކުރެވިފައި އޮންނަނީ ސްޓްރޯކަކީ އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެކަން އޮތީ އެހެންނެއް ނޫނެވެ.
އުމުރުން 40 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ވެސް ސްޓްރޯކް ޖެހިދާނެކަމަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށާއި މި އުމުރުގެ މީހުންގެ ވެސް ސިއްހަތަށް ނުރައްކާވާ ފަދަ މައްސަލަތައް ހުރި ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓްރޯކް ޖެހިގެން އިނގިރޭސި ވިލާތުގައި އަހަރަކު 32،000 މީހުން މަރުވެ އެވެ. ނަމަވެސް ސްޓްރޯކް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ އެ ގައުމުގައި ދަށް ކުރެވިފަ އެވެ. އެއީ ސްޓްރޯކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް އަދި ފަރުވާ ދިނުން ވެސް ރަނގަޅުވެފައި ވުމުންނެވެ.
ސްޓްރޯކެއް ޖެހިގެން ފަރުވާ ނުދެވި ހޭދަވާ ކޮންމެ މިނިޓެއްގެ ތެރޭގައި ސިކުނޑީގެ 1.9 މިލިއަން ނާވް ސެލްސް މަރުވެ އެވެ. ސްޓްރޯކް ޖެހުމުން އަނގައިގައި ވަރު ނުހުރުމާއި ވާގި ނެތުން އަދި މަރުވުމުގެ ނުރައްކާ ވެސް އޮވެ އެވެ.