މުޅި މިސްރުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި
މުޅި މިސްރުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

ގާހިރާ (ފެބްރުއަރީ 11) - "މުޖްރިމުންނާއި ޓެރަރިސްޓުން"ނާ ދެކޮޅަށް ކަމަށް ބުނެ މުޅި މިސްރުގައި ސަލާމަތީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އަސްކަރީ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ކާނަލް ތަމަރު ރިފާއީ ވިދާޅުވީ އޮޕަރޭޝަނުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސައިނާއީ ޕެނިންސުލާ އިން ހަތިޔާރު އެޅި ޖަމާއަތްތައް ބޭރު ކުރުން ކަމަށެވެ.

މިސްރު ސިފައިން މިހާރު ވަނީ އިމަޖެންސީ ހާލަތެއް މެދުވެރިވެދާނެތީ ހޮސްޕިޓަލްތައް ވެސް އެލާޓަށް ގެނެސްފަ އެވެ.

މިސްރުގެ ބައެއް ނޫސްތަކުން ވަނީ ސައިނާއީގެ އުތުރުގައި އާދަޔާޚިލާފަށް ގިނައިން ސިފައިންގެ ވެހިކަލްތައް ހުކުރު ދުވަހުން ފެށިގެން ހަރަކާތްތެރިވާ ކަމަށް ބުނެފަ އެވެ.

ސިނާއީގައި ހަނގުރާމަވެރި ޖަމާއަތްތަކުން ފަހަކަށް އައިސް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ސިފައިންނަށެވެ. ސައިނާއީގައި 2014 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއެއްގައި ސިފައިންގެ 33 މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާ އަށް ފަހު ޓެރަރިސްޓުން ހިފާ ހައްޔަރު ކުރުމުގެ ބޭނުމުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

ނޯތު ސައިނާއީ ޕްރޮވިންސްގެ މިސްކިތެއްގައި މިދިޔަ ނޮވެމްބަރު މަހު ދިން ބޮމާއި ބަޑީގެ ހަމަލާތަކެއްގައި 235 މީހުން ވަނީ މަރުވެފަ އެވެ.

މިސްރުގައި އަސްކަރީ އޮޕަރޭޝަން ފަށާފައި މިވަނީ އަންނަ މަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.