11 ފެބުރުއަރީ 2018 - 14:10

ކޮލަޕޫރު (ފެބްރުއަރީ 11) - އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ކޮހްލަޕޫރު އަވަށުގެ ކްލިނިކަކުން ކުޑަ ކުދިން ވަގަށް ނަގާ ވިއްކަމުން ދިޔަ ޑޮކްޓަރަކާއި އޭނާގެ އަންހެނުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކްލިނިކުން ކުދިން ވަގަށް ނަގާ ކޮންމެ ކުއްޖަކު 200،000 ރުޕީސް (3،112 ޑޮލަރު) އަށް ވިއްކި ކަމަށް ޑޮކްޓަރު މިހާރު ވަނީ އެއްބަސްވެފަ އެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެ ކްލިނިކަށް ވަދެ ޑޮކްޓަރާއި އޭނާގެ އަންހެނުން ފުލުހުންނަށް ހަވާލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން މިހާރު ދަނީ ކުޑަ ކުދިން ވިއްކާ މައްސަލާގައި އެހެން ބަޔަކު ބައިވެރިވެފައިވޭތޯ ބަލަން ތަހުގީގު ކުރަމުންނެވެ.
"ޑޮކްޓަރާ ގުޅިފައި ތިބީ ކިތައް މީހުންތޯ ވެސް ހޯދާނަން،" ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
ސެންޓްރަލް އެޑޮޕްޝަން ރިސޯސަސް އޮތޯރިޓީން ބުނީ ސްޓޭޓުގެ ވެރިރަށް މުމްބާއީގެ ޑޮކްޓަރަކު ވެސް އެކަމުގައި ބައިވެރިވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ޑޮކްޓަރާއި އޭނާގެ އަންހެނުން ހަދާ ގޮތަކީ މީހުންނާ ނީނދެ ބަނޑުބޮޑުވެފައި ތިބޭ މީހުން ކްލިނަކަށް ގެންގޮސް ވިއްސާ އެ ކުދިން ވިއްކަނީ. ކްލިނިކުގެ އެހެން ސްޓާފުންނާ ވެސް މިހާރު ދަނީ ސުވާލު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.