13 ފެބުރުއަރީ 2018 - 06:23

ކެމްބޯޑިއާގެ ބަތަލާއަކު ބިރުވެރި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އޭނާގެ ހަށިގަނޑަށް ޖިންނިއެއް ވަދެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.
ކުރޫ މެމްބަރަކު ޝޫޓްކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ ޖިންނި އަވަލިކަމަށް ބުނާ ބަތަލާ ބިންމަތީގައި އިށީނދެ އިންދަ އެވެ. ފިލްމުގެ ކުރޫންގެ ތެރޭގައި ތިބި އެހެން މީހުން ބިރުން އެ ކޮޓަރިއަށް ވަންނަން ނުކެރިގެން އުޅޭތަން ވީޑިއޯއިން ފެނެ އެވެ. އަދި މީހަކު، އެ ބަތަލާގެ ގަޔަށް ވަދެފައި ޖިންނި ނެރެން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.
ބިރުވެރި ފިލްމު ކުޅޭ އެކްޓަރުންނަށް ބައެއް ފަހަރަށް މިކަހަލަ ކަންތައްތައް ދިމާވާ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. އަދި ފިލްމުގެ ކުރޫގެ ބައެއް މެމްބަރުންނަށް ވެސް މިފަދަ ހާދިސާތައް ބައެއް ފަހަރަށް ދިމާވެފައި އެބަހުއްޓެވެ. މިހެން ދިމާވަނީ ރޫހާނީ އެއްޗެހީގެ ނުވަތަ ޖިންނި ޝައިތާނުންގެ ރޯލުތައް ކުޅޭއިރު އެ އެކްޓަރެއްގެ ނެގެޓިވް އެނާޖީ އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ކެމްބޯޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖިންނީގެ އުނދަގޫ ފޯރި ބަތަލާ ވަނީ އެ މައްސަލަ ދިމާވުމާ އެކު އޭނާއާ އެކު ފިލްމުގެ ޝޫޓިންގައި ބައިވެރިވާ އެހެން ބަތަލާއެއްގެ ކަރުގައި ހިމަ ވާފަށެއް ބައްދައި އޭނާ މަރާލަން މަސައްކަތް ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ފިލްމުގެ ކުރޫގެ ގިނަ ބަަޔަކަށް ވަނީ ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ.
ފިލްމުގެ ކުރޫގެ ތެރޭގައި ހިމެނޭ މީހަކު ފޭސްބުކްގައި ޝެއާކޮށްފައިވާ މި ވިޑީއޯގެ ތިރީގައި ކެމްބޯޑިއާ ބަހުން ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ އެ ޓީމުގެ ތެރޭގައި ރޫހާނީ ކަންތައްތަކެއް ހިނގައިފި ކަމަށާއި މިއީ އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ އަށާއި ކެމެރާ ޓީމަށް ވެސް ރޫހުގެ އުނދަގޫ ފޯރި ކަމަށެވެ.
މިއީ އަސްލު ހިނގާފައިވާ ކަމެއް ކަމެއް ނުވަތަ ބަޔަކު މީހުން ގަސްތުގައި ހަދައިގެން އުޅޭ ވީޑިއޯއެއް ކަމެއް ޔަގީނެއް ނޫނެވެ. ފިލްމު ކުރޫގެ މީހަކު ބުނީ ޝޫޓްކުރަމުންދިޔަ ފިލްމަކީ އޭނާގެ ބޮޑުދައިތައަކަށް ދިމާވި ހަގީގީ ހާދިސާއަކަށް އުފައްދަމުން ދިޔަ ފިލްމެއް ކަމަށާއި ފިލްމުގައި ދައްކަނީ ކޮޓަރިއެއްގެ ތެރޭގައި އުޅޭ ރޫހެއް ކަމަށެވެ.