14 ޖުލައި 2016 - 14:58

ސްރީނަގަރު (ޖުލައި 14) - ކަޝްމީރުގައި އިންޑިއާ އިން ދަނީ "ގަތުލްއާއްމެއް" ހިންގަމުން ކަމަށް ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ވެރިޔާ ބުނެފި އެވެ.

ކަޝްމީރުގައި އިންޑިއާއާވީ ފަޅީގައި ހިންގާ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 32 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
ޕާކިސްތާނީ ކަޝްމީރުގެ ވެރިރަށް މުޒައްފަރުއާބާދުގައި ބޭއްވި 3،000 މީހުންގެ އެއްވުމެއްގައި ހަނގުރާމަވެރިންގެ ލީޑަރުން ވަނީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މަދަނީ ބަސްނޭހުމެއް ބާއްވާނެ ކަމަަށް ބުނެފަ އެވެ.
ކަޝްމީރުގައި އެންމެ ފަހުން ހަމަނުޖެހުން އުފެދުނީ ހިޒްބުލް މުޖާހިދީން (އެޗްއެމް) ގެ ކޮމާންޑަރު ބުރުހާން ވާނީ، 22، ހުކުރު ދުވަހު މަރާލުމާ ގުޅިގެންނެވެ. އެޗްއެމްގެ ލީޑަރު ސައީދު ސަލާހުއްދީން ވަނީ ކަޝްމީރުގެ ހަމަނުޖެހުންތައް ކުށްވެރި ކުރައްވައިފަ އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ހިންގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ.
"އިންޑިއާ އިން ކަޝްމީރުގައި ހަމަނުޖެހުން އުފައްދާ ނަމަ އަހަރެމެން ވެސް މަދަނީ ބަސްނޭހުމަކަށް ދާނަން،" ސަލާހުއްދީން ވިދާޅުވި އެވެ.
ޔުނައިޓެޑް ޖިހާދު ކައުންސިލްގެ ލީޑަރުކަން ވެސް ކުރައްވާ ސަލާހުއްދީން ވަނީ ކަޝްމީރުގައި އިންޑިއާ އިން ހިންގާ ހަމަނުޖެހުންތަކުގެ މައްސަލަ ބައިނަލްއަގުވާމީ މުޖްތަމަ އަށް ގެންދިއުމަށް އިސްލާމްއާބާދަށް ގޮވާލައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އިސްލާމްއާބާދުން ހޯމަ ދުވަހު ވަނީ އިންޑިއާގެ މަންދޫބު ހާޒިރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.