11 ފެބުރުއަރީ 2018 - 12:48

ސްޓޮކްހޯމް (ފެބްރުއަރީ 11) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ސްވިޑަންގެ 25 އަހަރުގެ އެކްޓިވިސްޓަކު ސްވިޑަން އިން ފަލަސްތީނަށް 5،000 ކިލޯ މީޓަރުގެ ހިނގުމެއް ކުރިއަށް އެބަގެންދެ އެވެ.
ބެންޖަމިން ލަޑްރާ ބުނީ އޭނާ މިދިޔަ އަހަރުގެ އެޕްރީލް މަހު ފަލަސްތީނަށް ކުރި ތިން ހަފުތާގެ ދަތުރަކަށް ފަހު ވަނީ ފަލަސްތީނުގެ ހާލަތު ދުނިޔެއަށް ކިޔައިދޭން ނިންމައިފަ އެވެ.
"ފަލަސްތީނުން ފެނުނު މަންޒަރުތަކުން ހައިރާންވި. އިޒްރޭލް ސިފައިން އެމް-60 ގެ މެޝިން ބަޑި ހިފައިގެން ފަލަސްތީނުގެ މަގުތަކުގައި އުޅޭ މަންޒަރާއި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ފެނިފައި ދެރަވާނެ. ޖަލުގައި ތިބި 300 އެއްހާ ކުދިންގެ ވާހަކަތައް އަޑުއިވި ގޭގައި ހިންގާ ރޭޕުތަކުގެ މައުލޫމާތު ލިބިފައި ވަނީ،" ޔަހޫދީ ދެމަފިރިއަކަށް ލިބިފައިވާ ލަޑްރާ ބުންޏެވެ. "ތިން ހަފުތާގެ ދަތުރަކަށް ފަހު ގައުމަށް ގޮސް އަހަރެން ވިސްނީ ފަލަސްތީނުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނެވޭނީ ކޮން ގޮތަކުންތޯ؟"
ކިޔެވުމާއި ވަޒީފާ ދޫކޮށްލުމަށް ފަހު ލަޑްރާ ވަނީ ސްވިޑަންގެ ގޮތެންބާގުން ފަލަސްތީނަށް 5،000 ކިލޯ މީޓަރުގެ ދަތުރެއް މިދިޔަ އަހަރުގެ އޮގަސްޓް މަހު 8 ވަނަ ދުވަހު ފަށައިފަ އެވެ. އޭނާގެ ދަތުރުގައި އަބަދުވެސް ހުންނަނީ ފަލަސްތީނުގެ ދިދައެއް ހިފައިގެންނެވެ. ލަޑްރާގެ ދަތުރުގައި ބައެއް ތަންތަނުގައި މަޑުކޮށް ފަލަސްތީނުގެ މައްސަލަ ސަމާލު ކަމަށް ގެނައުމާ ބެހޭ ގޮތުން ތަގްރީރުދީ ހަދަ އެވެ.
ލަޑްރާ ބުނީ ޗެކް ރިޕަބްލިކުގެ ވެރިރަށް ޕްރާގުން އިޒްރޭލް އެމްބަސީގެ ގާޑުން ވަނީ އޭނާ ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ފަލަސްތީނުގެ ދިދަ ހިފައިގެން ހުރުމުން ކަމަށް ބުންޏެވެ. އޭނާ ދޫކޮށްލީ ބޮން ސްކޮޑުން ބަލާ ފާސްކުރުމަށް ފަހު ނުރައްކަލެއް ނެތް ކަމަށް ބުނުމުންނެވެ.
"އަހަރެން ޕްލޭންކޮށްފައި އޮތީ ބަލްގޭރިއާ އިން ތުރުކީ އަށް، ސީރިއާ އަށް، ލުބުނާނަށް ދަތުރުކޮށް ފަލަސްތީނަށް ދާ ގޮތަށް. އެ ރޫޓުން ނުދެވިއްޖެ ނަމަ ދެން ގަސްދުކޮށްފައި ވަނީ ސީރިއާ އަށް ގޮސް ޖޯޑަން އިން ދާ ގޮތަށް،" ލަޑްރާ ބުންޏެވެ.
#ވޯކްޓުޕަލަސްތީން ހޭޝްޓެގުގެ ދަށުން ލަޑްރާ ދަނީ އޭނާގެ ދަތުރާ ބެހޭ ތަފްސީލްތައް ފޭސްބުކާއި އިންސްޓަގްރާމުން އަޕްޑޭޓް ކުރަމުންނެވެ.
ރެޑް ކްރޮސްގައި ދޭތެރެ ދޭތެރެއިން މަސައްކަތް ކުރާ ލަޑްރާ ވަނީ އޭނާގެ ދަތުރަށް ފައިސާ ރައްކާކޮށްފަ އެވެ. ބައެއް ފަހަރު މީހުން ވެސް އޭނާ އަށް އެހީވެ އެވެ. ލަޑްރާގެ ދަތުރު ނިންމާ ފަލަސްތީނަށް ފޯރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އެވެ.