11 ފެބުރުއަރީ 2018 - 12:34

ގދ. ވާދޫ ބޭރުގައި ފުޅި އަޅައިގެން އެންދަމަން އުޅުނު މީހަކު، މިއަދު މަރުވެއްޖެ އެވެ.
ފުވައްމުލަކު "ލޭޒާ4" މަސް ދޯނީގެ ފަޅުވެރިއެއް ކަމަށްވާ އިބްރާހިމް ޝަރީފް، 32، ފުވައްމުލަކު، ދިގުވާދު، ލަވްލީ ގާޑަން، މަރުވީ، އެނގިފައިވާ ގޮތުގައި، ފުޅިން އޮކްސިޖަން ހުސްވެގެންނެވެ. ދޯނީގެ މީހުންނަށް އޭނާ ފެނުނީ ވެސް މަރުވެފައި އޮއްވާ ކަމަށްވެ އެވެ.
ވާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ނައުޝާދު ވަހީދު ވެސް ވިދާޅުވީ އިބްރާހިމް އެ މަރުކަޒަށް ގެނައިއިރު ވެސް މަރުވެފައި އޮތް ކަމަށެވެ. އޭނާގެ އަނގަޔާއި ނޭފަތުން ލެ އާއި ފޮނު ފައިބާފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވި ގޮތުގައި މި މަރު ތަހުގީގު ކުރުމަށް ފުލުހުންނާއި ޑޮކްޓަރުންގެ ޓީމަކުން މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.