14 ޖުލައި 2016 - 15:44

ކަރެކްޝަނަލް ސާވިސް އިން މިދިޔަ އަހަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން އެދެވޭ ހައްލެއް ހޯދައި ދޭން ބައެއް މުވައްޒަފުން މިއަދު ހުށަހަޅައިފި އެވެ.
އެ މުވައްޒަފުންގެ ފަރާތުން ވަކީލު މަހުފޫޒް ސައީދު ކަރެކްޝަންސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުންނަށް މިދިޔަ އަހަރު މަގާމުގެ ކުރިއެރުން ދިނީ ކަމާ ބެހޭ ގަވާއިދުގައިވާ އިޖުރާތްތައް ފުރިހަމަ ނުކޮށެވެ. އެކަން ކޮށްފައި ވަނީ ވަކި ބައެއްގެ މަސްލަހަތަށް ބަލައިގެންކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮމޯޝަން ދިނުމުގައި ހުރި މައްސަލަތައް ސިޓީގައިވެ އެވެ. އޭގެ ތެރޭގައި:
- ޕްރޮމޯޝަންގެ ކަންކަން ބަލަހައްޓަން ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ގަަވާއިދުގައި ވިޔަސް އަށް މެމްބަރުންގެ ކޮމިޓީއަކުން އެކަން ކުރުން.
- ޕްރޮމޯޝަނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ހުޅުވައި ނުލުން.
- ޝަރުތު ފުރިހަމަ ނުވާ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން.
- އަހުލާގީ މައްސަލަތައް ހުރި ބައެއް މީހުންނަށް ޕްރޮމޯޝަން ދޭން ގަސްދުގައި ރެކޯޑު ފޮހެލުން.
- ކޮމިޝަނަރާއި އޭނާގެ ނައިބު މާކްސް ދެއްވުމުގައި ސޮފްޓްވެއާއެއް ބޭނުން ކުރައްވައިގެން ވަކިވަކި މުވައްޒަފުން ދެނެގަނެ، އޭގެ ތެރެއިން ބޭނުންވާ ބަޔަކަށް މާކްސް އިތުރުކޮށް އަދި އަނެއް ބަޔަކަށް މާކްސް ދަށްކޮށްފައިވުން.
"އަޅުގަނޑުގެ މުވައްކިލުން އެދެނީ މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބަދަލުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން މި މައްސަލައިގައި އެދެވޭ ހައްލެއް ހޯދައި ޕްރޮމޯޝަން ދިނުމުގެ އިޖުރާއަތު ބޭއިންސާފުން ހިންގުމުގެ ސަބަބުން އެ ކަމުގެ ގެއްލުން ތަހައްމަލް ކުރަންޖެހުނު މުވައްޒަފުންނަށް އެކަށީގެންވާ ހައްލެއް ހޯދުމަށެވެ،" ސިޓީގައިވެ އެވެ.
ސިޓީގައިވާ ކަންކަމާ ގުޅޭ ގޮތުން ހަތް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭން އެދިފައިވެ އެވެ. އެ ކަމަށް ކަރެކްޝަންސް އިން އިޖާބަ ނުދޭ ނަމަ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުންޏެވެ.
މި ޝަކުވާތަކާ ގުޅިގެން ކަރެކްޝަންސް އިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އެ ތަނުގެ ތަރުޖަމާނު މިއަދު ވިދާޅުވީ މިއީ އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.