ފަނޑިޔާރު އަލީ ހަމީދު ދޫނިދޫއަށް ބަދަލުކޮށްފި
ފަނޑިޔާރު އަލީ ހަމީދު ދޫނިދޫއަށް ބަދަލުކޮށްފި

ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫނިދޫއަށް ބަދަލުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އޭގެ ފަހުން އަލީ ހަމީދު ހޮސްޕިޓަލަށް ގެންދިޔައީ ލޭގެ ޕްރެޝަރު މަތިވެ ހާލު ގޯސްވުމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލީ ހުކުރު ދުވަހު އެވެ. އަދި ދޫކޮށްލި އިރު ހާލު ރަނގަޅެވެ.

އަލީ ހަމީދުގެ އާއިލާއިން ބުނީ އޭނާގެ އެއްވެސް މައުލޫމާތެއް އާއިލާއަށް ނުލިބޭ ކަމަށެވެ.

އަލީ ހަމީދު ހައްޔަރުކޮށްފައި ވާއިރު އޭނާގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އަލީ ހަމީދަށް ކުރާ ތުހުމަތާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

ހުކުމް ތަންފީޒުކުރާ ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް، ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހުގަ އެވެ. އަދި ތުހުމަތުތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މި ދެ ފަނޑިޔާރުން ސަސްޕެންޑްކޮށްފަ އެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް އަލީ ހަމީދު ކޯޓުގައި އުޅުއްވަނިކޮށް އަނބުރައިގަނެގެން އަނބުރައިގަނެގެން އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. އަދި އޭގެ ފަހުން ރާއްޖޭން ބޭރުން ވެސް ފަރުވާ ހޯދި އެވެ.