އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!
އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!

އިންޓަވިއު ނެގުމަށް، ދައުވަތު ލިބިފައިވާ ގެއަށް ގޮސް، ދޮރު ހުޅުވާލުމާ އެކު ބޭރަށް ބޯ ދިއްކޮށްލީ ދެ ބުޅަލެވެ. އެ ދެ ބުޅާ ގޭތެރެއަށް ނުވެއްދެނީސް އިތުރު ތިން ބުޅާ އެތަނަށް އަތުވެއްޖެ އެވެ. ބުޅާތައް ކައިރިން ވަރަށް ހާލުން ސަލާމަތްވެ، ގޭގެ ކޮޓަރި ތެރެއަށް ވަންއިރު އެތަނުގައި ވެސް އެކި ސައިޒުގެ ފަސް ވަރަކަށް ބުޅާ އުޅެ އެވެ.

އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!
އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!

މިއީ ޒުވާން ޖިމް އިންސްޓްރަކްޓަރު އަހުމަދު ފަޒީލް ނުވަތަ އައްމަޑޭގެ ކޮޓަރި އެވެ. ޖަނަވާރަށް، ހާއްސަކޮށް ބުޅަލަށް އާދަޔާހިލާފު ލޯތްބެއް ޖެހިފައިވާ އައްމަޑޭގެ ގޭގައި ޖުމްލަ 16 ބުޅާ އޮވެ އެވެ. އެކަމަކު އޭގެ ތެރެއިން ދިހަ ބުޅާ އުޅެނީ އެ ޒުވާނާގެ ކޮޓަރީގައި އޭނާއާ އެކުގަ އެވެ.

އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!
އައްމަޑޭ: ބުޅަލުގެ އެންމެ ގާތް ރަހުމަތްތެރިޔާ!

އައްމަޑޭގެ ވާހަކަ ހާއްސަ މިވީ އޭނާގެ ގޭގައި އެހާ ގިނަ ބުޅާ ގެންގުޅޭތީކީ ނޫނެވެ. އެ ޖަނަވާރަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު އޭގެ ކުރިން، އުމުރުން 34 އަހަރުގެ އެ ޒުވާނާގެ ކުރު ތައާރަފެކެވެ.

މާލެއަށް އުފަން އައްމަޑޭއަކީ ފެށުނީއްސުރެ ކަސްރަތުގެ ތެރޭގައި އުޅޭ ޒުވާނެކެވެ. ސްކޫލު ދައުރުގައި ވެސް ޖިމްނާސްޓިކާއި އެތުލެޓިކްސްގައި އޭނާ ފާހަގަކޮށްލެވެ އެވެ. ބުޅަލާއި ދޫނި ފަދަ އެއްޗެހި ކިތަންމެ ގެންގުޅޭހިތްވި ނަމަވެސް، ގޭތެރޭގެ ހާލަތު ހުރި ގޮތުން އޭރު އޭނާއަށް އެކަމެއް ނުކުރެވުނެވެ. އަދި އެތަކެތި ބެލެހެއްޓުމާއި ކާންދިނުމާއި ސާފުކުރުމަކީ، ސްކޫލުގައި އުޅެމުން ކުރަން މާކަ ފަސޭހަ ކަމަކަށް ވެސް ނުވި އެވެ. އެހެންވެ، އެ އެދުން ހިތުގައި ބާއްވާފައި ފިޓްނަސްގެ ދާއިރާއިން އޭނާ ކުރިއަށް ދިޔައީ އެވެ. މިހާރު އޭނާ އަކީ މާލޭގައި ފާހަގަކޮށްލެވޭ ޖިމްއެއް ކަމަށްވާ "ހެމާ"ގެ އިންސްޓްރަކްޓަރެކެވެ.

އައްމަޑޭގެ ވަޒީފާއަކީ ރީތި ހަށިގަނޑެއް ބިނާ ކުރުމަށް މީހުންނަށް އެހީތެރިވުމެވެ. އެކަމަކު ގިނަ ބައެއްގެ ލޮލުގައި އޭނާ އަޅައިގަތީ ޖިމްގެ ބޭރުން ފެންނަ މަންޒަރުންނެވެ. ކާނިވާ ސަރަހައްދުގައި ހުންނަ އެ ޖިމް ކައިރިއަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް މެންދުރު 1:30 ހާއިރު އެއްވަނީ އެ ހިސާބުގަނޑުގައި އުޅޭ ބުޅާތަކެވެ. އެއީ އެ އެއްޗިއްސަށް އައްމަޑޭ ކާންދޭ ގަޑި އެވެ. ބައެއް ދުވަސް ދުވަހު ވިއްސަކަށް ބުޅާ ވެސް އަތުވެދާނެ އެވެ. އެ ހުރިހާ ބުޅަލަކަށް ކާންދެނީ ވަކި ތަށިތަކެއްގައި، އެފަދަ ޖަނަވާރުތަކަށް ހާއްސަ ކާނާ އެވެ.

ދުވާލު ދެ އިރު އައްމަޑޭ ޖިމްގެ ދޮރު ކައިރީގައި ތަށިތައް އަތުރާލައި، އެ ބުޅާތަކަށް ކާންދެ އެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެއް ބަ އެވެ.

"ކާންދޭ ގަޑި ޖެހޭއިރަށް ޖިމް ކައިރިއަށް ބުޅާތައް އަންނަން ފަށާނެ. އައްމަޑޭ ފެނުމުގެ ކުރިން، ފިޔަވަޅު އަޑު އިވޭއިރަށް ވެސް އެ އެއްޗެއްސަށް އެނގޭނެ،" ހެމާ ޖިމް ދޮރުމަތީގައި ހުރި އައްޓެއްގެ މަތީގައި ބުޅަލަށް ކާންދެމުން އޭނާ ބުންޏެވެ.

ހެމާ ހުންނަނީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެއްގަ އެވެ. ބައެއް މީހުން ގޭގައި ގެންގުޅޭ ބުޅާތައް ވެސް ބޭނުން ނެތިގެން އެތަނަށް ދޫކޮށްލަ އެވެ. އެހެންވެ، ހައިހޫނު ކަމުގައި ބުޅާ އުޅޭ ތަން ފެނުމަކީ އައްމަޑޭއަށް ކެއްވާވަރުގެ ކަމަކަށް ނުވި އެވެ. އެހެންވެ، ބުޅަލަށް ކާންދޭ އެއްޗެހި ގަނެގެން، ކޮންމެ ދުވަހަކު އޭނާ އެކަން ކުރަނީ ލޯބިންނެވެ.

ކާއެއްޗެހި ތައްޓަން އަޅަން ފެށުމާ އެކު، އެކި ސައިޒުގެ އެކި ކުލަތަކުގެ ބުޅާތައް އެކި ދިމަދިމާއިން އަންނަން ފަށަ އެވެ. އެ އެއްޗެހި ކައި ނިމި އެނބުރި ދަންދެން، އައްމަޑޭ އެތަނުގައި ހުރެ އެވެ. ބޮޑެތި ބުޅާތަކުގެ ސަބަބުން، ކައިރިވާން ނުކެރި ދުރުގައި ބަލަން ތިބޭ ކުދި ބުޅާތައް ގެނެސް، އުނގުގައި ބާއްވައިގެން ވެސް އޭނާ ކާންދެ އެވެ. އެ ލޯބި މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެ އެވެ.

މެންދުރު 1:30 ނޫނީ ރޭގަނޑު 7-8 ޖަހާލަންކަން ހާއިރު އެ ތަނަށް ހިނގައްޖެ ނަމަ އެ ރީތި މަންޒަރު ފެންނާނެ އެވެ.

"އަހަރެން މިގޮތަށް ކާންދޭކަން އެނގުމުން ބައެއް މީހުން އެ މީހުންގެ ބުޅާ މިތަނަށް ދޫ ވެސް ކޮށްލާ. އަދި މިތަނުގައި ބުޅާ އުޅޭކަން އެނގުމުން ބައެއް މީހުން މިތަނުން ބުޅާ ގެންދަން ވެސް ގެންދޭ،" އައްމަޑޭ ބުންޏެވެ.

އަޅާލާނެ ބަޔަކު ނެތި އުޅޭ ބުޅާތައް ސާފު ނޫން ނަމަވެސް ރަނގަޅު ކެއުމާއި އައްމަޑޭގެ ހިދުމަތް ލިބޭތީ "ހެމާ" ސަރަހައްދުގެ ބުޅާތައް ފެންނަނީ ވަރަށް ރީތިކޮށެވެ. އޭނާ ބުނާ ގޮތުގައި އޭގެ އެއް ސަބަބަކީ ރަނގަޅު ކާނާ އެވެ. އަދި ބައެއް ބުޅާތައް ހަޑިވުމުން ފެންވަރުވާ ސާފުކޮށް ވެސް ހަދަނީ އޭނާ އެވެ.

ބުޅާތަކަށް ކާންދޭން އޭނާ އަތުން މަހަކު 3،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އަދި ބުޅާ ގެންގުޅޭހިތްވާ ބައެއް މީހުން އޭގެ ކާނާ ޕެކެޓް އޭނާއަށް ހަދިޔާ ވެސް ކުރެ އެވެ.

ގޭގައި އައްމަޑޭ ގެންގުޅޭ ބައެއް ބުޅާ ހޯދީ ޖިމް ކައިރިންނެވެ. ކުޑައިރު ގެންދާ ބުޅާތައް ބޮޑެތި ވުމުން އަލުން ކާނިވާ ސަރަހައްދަށް ގެންގޮސް ދޫކޮށްލަ އެވެ. އަނިޔާއެއް ލިބިފައި ހުންނަ ބުޅާތައް ގެންގޮސް ފަރުވާދެ އެވެ. އެކަމަކު އޭނާގެ އެންމެ ބޮޑު އެދުމަކީ ކޮންމެވެސް ބަޔަކު އެ ޖަނަވާރު ގެއަށް ގެންގޮސް ބަލާ ބޮޑުކުރުމެވެ.

އައްމަޑޭ ބުނި ގޮތުގައި ގޭގައި އެހާ ގިނަ ބުޅާ ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކާންދީ، ފެންވަރުވާ، ގޭތެރެ އަބަދު ސާފުކުރުމަކީ ބުރަ މަސައްކަތެކެވެ. އެކަމަކު އެކަނި ދިރިއުޅޭ އެ ޒުވާނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހާ ވެސް އޭނާ ބުޅާ ދެކެ ލޯބިވެ އެވެ.

"ވަރަށް ހިތްހަމަޖެހޭ. ބުޅާތަކަށް އެހެން ކާންދެވުނީމައި ހާދަ އުފަލެއް ވެޔޭ،" އައްމަޑޭ ބުންޏެވެ.

އޭނާގެ ޝަކުވާތަކެއް އެބަ ހުއްޓެވެ. އެއް ޝަކުވާއަކީ ޖަނަވާރަށް ފަރުވާ ދޭ ޑޮކްޓަރެއް ނުވަތަ އެކަމަށް ހާއްސަ ކްލިނިކެއް ރާއްޖޭގައި ނެތުމެވެ. އަނެއް ކަމަކީ އެ އެއްޗެހި ބަލަހައްޓާ ޝެލްޓާއެއް ނެތުމެވެ. ސަރުކާރުން ނޫނީ އަމިއްލަ ފަރާތަކުން ނަމަވެސް އެ ހިދުމަތް ދޭން ފަށައިފި ނަމަ، އެއީ ޖަނަވާރު ގެންގުޅޭހިތްވާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް އައްމަޑޭ ދެކެ އެވެ.

މެންދުރު ގަޑީގައި ހުރިހާ ބުޅާތައް އެއްކޮށްގެން ކާންދިނުމުގެ މަސައްކަތުގައި އައްމަޑޭ އުޅުނެވެ. އޭރު އެ މަންޒަރު ބަލަން ބަޔަކު މަޑުކޮށްގެން، ފޮޓޯ ނަގައި، ވީޑިއޯ ކުރަމުން ދިޔަ އެވެ.

"ތިއަށް ބޯ ދިއްނުކޮށް، މި ތަށި ކައިރިއަށް އާދެ ބަލަ!" އެހެން ބުޅަލެއް ކާން އޮތް ތަށި ކައިރިން ދުރަށް ނުގޮސް އުޅުނު ބުޅަލަކަށް އޭގެ ތަށި ދިއްކޮށްލަމުން އައްމަޑޭ ބުނެލި އެވެ. އެ ބުޅާ އެ ތަށި ކައިރިއަށް ގޮސް ކާން ފެށި އެވެ.

"މި ތިބެނީ ވެސް އަހަރެމެންގެ ތެރޭގައި އުޅޭ ރަނގަޅު ޒުވާނުން،" އެ ހުރިހާ މަންޒަރެއް ބަލަން ހުރި ފިރިހެނަކު އޭނާގެ ރަހުމަތްތެރިޔާ އަށް ބުންޏެވެ.

އެފަދަ ތައުރީފެއް އައްމަޑޭ ކޮންމެހެން ބޭނުމެއް ނުވެ އެވެ. އެކަމަކު އޭނާގެ އެ މަސައްކަތް ގިނަ މީހުން ބަލައިގަންނާތީ އެއީ ހިތްހަމަޖެހުމެކެވެ.