12 ފެބުރުއަރީ 2018 - 06:20

މައިކްރޮސޮފްޓް ވިންޑޯޒް 10އާ އެކު ބަންޑެލިކުރެވިގެން، ބޭނުންކުރާ މީހުންނާ ހަމަ އަށް އަންނަ އެންޓިވައިރަސް ސޮފްޓްވެއާ، "ވިންޑޯޒް ޑިފެންޑާ" އަށް އާ ފީޗާތަކެއް އިތުރުކުރަން އުޅޭ ކަމަށް ބުނާތީ އިވިއްޖެ އެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި، ވިންޑޯޒް 10އާ ގުޅުމެއް ނެތް އަދި ބޭނުންކުރާ މީހުންނަށް ވެސް ފައިދާއެއް ނެތް ސޮފްޓްވެއާ އެޕްލިކޭޝަންތައް ކޮމްޕިއުޓަރުން ފޮހެލުމަށްޓަކައި، ވިންޑޯޒް ޑިފެންޑާ ކޯޑް އިންޖީނަށް ބަދަލުގެންނާނެ ކަމަށެވެ.
ކޮމްޕިއުޓަރުން ފޮހެލުމަށްޓަކައި ވިންޑޯޒް ޑިފެންޑާ އަށް ބުނެދޭ އެޕްލިކޭޝަންތަކުގެ ތެރޭގައި، ޒާތްޒާތުގެ "ކްލީނާ އެޕްލިކޭޝަން"ތައް އަދި ވިންޑޯޒް ރެޖިސްޓްރީން ކުށްފިލުވައި، ކޮމްޕިއުޓަރުގެ ސްޕީޑް ހެޔޮވަރުކޮށްދޭ ކަމަށް ބުނާ އެޕްތައް ހިމެނެ އެވެ.
މައިކްރޮސޮފްޓުން އަމާޒުކުރާ ސޮފްޓްވެއާ އެޕްލިކޭޝަންތަކަކީ، އާންމު ހާލަތުގައި ވެސް އެ ބޭނުންކުރާ މީހުންނާ މާ ބޮޑު ފައިދާއެއް ނެތް އެޕްތަކެެކެވެ. ފެންނަ ފެނުމުގައި ވަރަށް ބުރަކޮށް އަދި މޮޅަށް މަސައްކަތްކުރާ ކަމަށް ދެއްކި ނަމަވެސް، އެ ޒާތުގެ އެޕްލިކޭޝަންތައް އުފައްދާފައި ހުންނަނީ ބޭނުންކުރާ މީހުން އަތުން ފައިސާ ހޯދުމުގެ ނިޔަތުގަ އެވެ.
ވިންޑޯޒްގައި ހުރި ނަމަ ހުރި ބަލިކަށިމެއް ހަމަ މަގަށް އަޅުވައިދޭނެ ކަމަށް ވައުދުވާ އެޕްލިކޭޝަންތައް ވެސް ހަގީގަތުގައި ފައިދާ ހުރި ކަމެއް ނުކުރެ އެވެ. ކޮމްޕިއުޓަރު ވަރަށް މޮޅަށް ސްކޭންކުރާ ކަމަށް ދައްކައި، ދެން ކުރި އަށް ދެވޭނީ ވަކި ކަމެއް ކުރުމުން ކަމަށް ބުނެ ކޮމްޕިއުޓަރު ބޭނުންކުރާ މީހާ އަށް ބިރުދައްކަ އެވެ. އެ ފަދަ ހާލަތްތަކުގައި، ކޮމްޕިއުޓަރުގައި ބޮޑު މައްސަލައެއް އުޅޭ ކަމަށް ގިނަ މީހުންނަށް ގަބޫލުކުރެވެ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ސޮފްޓްވެއާގެ އެހެން އަދަދެއް ގަންނަން ވެސް ޖެހެ އެވެ.
މައިކްރޮސޮފްޓުން ބުނީ މި ބާވަތުގެ ސޮފްޓްވެއާ އެޕްލިކޭޝަންތަކާ މެދު ވިންޑޯޒް ޑިފެންޑާ ދެން ބަލާނީ ޖެއްސުންކޮށް ބޮަލަށް އުނދަގޫކުރާ ޒާތުގެ އެޕްތަކެއް ގޮތުގަ އެވެ. އެހެންކަމުން އެ އެޕްތައް ކޮމްޕިއުޓަރުން ފޮހެލާނެ އެވެ. މި ބަދަލާ އެކު ވިންޑޯޒް ޑިފެންޑާ އަމަލީ މައިދާނަށް ނިކުންނާނެ ކަމަށް ވަނީ މާޗް 1، 2018 ވަނަ ދުވަހު އެވެ.