ދަޅަމަތި
ދަޅަމަތި

ބުދަ ދުވަހާ ގުޅޭ

"ހަމީދުބޭ" އިނީ ރަތްކުލައިގައެވެ. ގައިގައި ކަޅު ތިކިތަކެއް ހުއްޓެވެ. އޭނަ އިނީ އުޑަފައިން އިށީނދެގެންނެވެ. ބޮލުގައި ދެ ދަޅު ހުއްޓެވެ. ބޭރަށް ނުކުމެފައިހުރި ދަތްތައް ހުރީ ކޮޅު ތޫނުކޮށެވެ. ވަރަށް ބޮޑު ދެ ލޯ ހުއްޓެވެ. ނަޔާޝީން ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެން ހުރީ ބިރުގެންފައެވެ. ދަރިފުޅާ އެކުގައި އެ ފަދަ މަޚްލޫޤެއް އުޅޭކަން އެނގުމުން ނުތަނަވަސް ނުވާނީ ކާކު ހެއްޔެވެ؟ އަނެއްކޮޅުން އެ ވަގުތު ހަމީދުބެ ހުރީ އަހަރުމެންނާ ކިހާ ގާތުގައިކަމެއް ވެސް ނޭނގެއެވެ.

"ދަރިފުޅު ކިހިނެއް ހަމީދުބެޔާ ދިމާވީ؟" ޙިކުމަތްތެރިކަމާ އެކުގައި އަހަރެން ސުވާލުކުރީމެވެ. "ކިޔައިދީބަލަ އެންމެ ފުރަތަމަ ދިމާވި ގޮތް."

ނަބީލު ކިޔައިދިނެވެ. އެމީހުން ފުރަތަމަ ބައްދަލުވީ ޕާކުންނެވެ. އެއީ، ނަބީލު ގޮވައިގެން އަހަރެން ދާ ޕާކެވެ. އެ ތަނުގައި ބޯޅަކުޅެން އުޅުމުގެ ތެރޭގައި އެއް ފަހަރަކު ގަސްތަކު ތެރެއަށް ބޯޅަ ދިޔައެވެ. އެހެން ބުނީމައި އަހަރެން ވެސް ހަނދާންވިއެވެ. އެ ބުނާ ދުވަހަކު، އަހަންނަށް ވުރެ ކުރިން ނަބީލު ބޯޅަ ބަލައި ދުއްވައިގަތެވެ. އަހަރެން ހުރީ ހައެއްކަ ފޫޓު ދުރުގައެވެ. ބޯޅަ ވަން ދިމާއަކީ، ތިރި ގަސްތަކަކުން މަތި ބެދިފައިވާ ތަނެކެވެ. އެތެރެ އޮންނަނީ ވަކި ހިސާބަކުން ބެދިފައެވެ. އިރު އޮއްސުމުގެ މާ ކުރިން އެ ދިމާ އަނދިރިވެއެވެ. ގަހުން ފައިބައިފައި އޮންނަ މޫތަކެއް ކަހަލަ އެއްޗަކުން އެ ތަނުގައި އޮންނަނީ ފަރުދާއެއް ލެވިފައެވެ. ބޮޑު މީހަކު ވަންނައިރު ގުދުވާން ޖެހުނަސް ކުޑަ ކުއްޖަކަށް ވަރަށް ފަސޭހައިން އެ ތަނަށް ވަދެވެއެވެ. ނަބީލު އެ ތަނަށް ވަންއިރު ހަމީދުބެ އިނީ އެ ތަނުގައި އުޑަފައިން އިށީނދެލައިގެންނެވެ. ނަބީލަށް ބޯޅަ ދިނީ ވެސް ހަމީދުބެއެވެ. ނަބީލު ކިޔައިދިން ގޮތުގައި ހަމީދުބެ ވާހަކަ ވެސް ދެއްކިއެވެ.

"މިހާރު ދެން އަހަރުމެން މި ރައްޓެހިވީނު ދޯ!" ހަމީދުބެ ބުންޏެވެ. "ދާނަން ތި ގެއަށް ބޯޅަކުޅެން އިނގޭ!"

ނަބީލު އެއްބަސްވިއެވެ. އެކުވެރިކަން ފެށުނު ގޮތަކީ އެއީއެވެ. އޭގެ ފަހުން ނަބީލާ އެއްކޮށް ކުޅެން ހަމީދުބެ އާދެއެވެ. ޖިންނިސައިތާނުންނަކީ ސިފައެއް ހުންނަ ބައެއް ނޫނެވެ. ބޭނުން ސިފަތައް އިޚުތިޔާރުކުރުމުގެ ކުޅަދާނަކަން ދެއްވާފައިވާ ބައެކެވެ. ޖިންނި އަވަލެވުމުން، އިންސާނާގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތަކާ ކުޅެވެއެވެ. އިންސާނާއަށް ފެނިފައިވާ ސިފަތައް ޖިންނި ނަކަލު ކުރެއެވެ. ރުހުންހޯދަން އަންނައިރު ޖިންނި ހުންނާނީ އެންމެ ގަޔާވާ ސިފައެއްގައެވެ. ބިރުގަންނަވަން ނުވަތަ ގޯނާކުރަން އަންނައިރު ހުންނާނީ، އެ މީހަކު ދުށް އެންމެ ބިރުވެރި ސިފައެއްގައެވެ. އެ ހުރިހައި ކަމެއް އަހަންނަށް އެނގެނީ މިހާރުއެވެ. އޭރަކު ނޭނގެއެވެ. ދީނީ ޢިލްމުވެރިޔަކާ މަޝްވަރާކުރީމެވެ. އަހަރުމެންނަށް ވާހަކަދެއްކުނީ ކަމަށް އެންމެ އެކަށީގެންވާ މީހާ ގާތުގައިކަމަށް ނުވެދާނެއެވެ. ޙަޤީޤަތުގައި އަހަރުމެން ދާންޖެހޭނީ ރާޤީއެއް ގާތަށެވެ.

"ތީ ވަރަށް ބޮޑު ގޯހެއް،" ޢިލްމުވެރިޔާ ބުންޏެވެ. "ޖިންނިއެއް އަވަލަވާފަ ތިހިރީ! އަހަރެން މި ބުނާ ސޫރަތްތައް ދަރިފުޅަށް އިވޭ ހިސާބުގަ ޖަހާ! އެންމެ ރަނގަޅީ އެ ސޫރަތްތައް ކިޔެވުން! ހަނދާންބަހައްޓާތި! ދިފާޢުގަ ކަމެއް ކުރަން ފެށީމަ އޭގެ ދިފާޢުގަ ސައިތާނާ ވެސް ބަލާނެ ކަމެއް ކުރެވޭތޯ! ބިރުން ތެޅިފޮޅިގެންފިއްޔާ އެ ކަލޭގެ ބޮޑާވާނެ. ސާބިތުކަން ދައްކައިފިއްޔާ ފެއްސިގެން ހިނގައިދާނެ."

އެ ފަދަ ކަމެއް އަލަށް ކުރާ ބަޔެއްގެ ހިތަށް ވެރިވާނެ ހާސްކަން އަހަރުމެންގެ ހިތަށް ވެސް ވެރިވިއެވެ. ފުރަތަމަ ރޭ އެ ސޫރަތްތައް ޖެހީ ފޯނުންނެވެ. ނަބީލަށް އަންނަ ބަދަލުތަކަށް އަހަރުމެން ސަމާލުވެގެން ތިބީމެވެ. އެއްފަހަރު އަހަރުމެން ދެ މީހުންގެ މޫނަށް ވަކިވަކިން ނަބީލު ބަލައިލިއެވެ. އެއީ، ރުޅިއައިސްގެން ބަލާލާ ކަހަލަ ބެލުމެއް ނޫނެވެ. ކަމަކާ ފިކުރުކުރަމުން ބަލާލާ ކަހަލަ ބެލުމެކެވެ. ނަބީލު ނިންދެވީ އަހަރުމެންގެ އެނދުގައެވެ. ކުޅިސަމާ ފެށުނީ އަހަރުމެންނަށް ހަމަ ނިދުނުތަނާއެވެ. ކުއްލިއަކަށް އިވުނީ ކުޑަކުއްޖަކު ރޮއިގަތް އަޑެވެ. އަޑު އިވުނީ ނަޔާޝީނަށެވެ. އަހަންނަށް ހޭލެވުނީ ނަޔާޝީން މަޑުމަޑުން އަހަންނަށް ގޮވާ އަޑަށެވެ.

"ކިހިނެއްވީ؟" އަހަރެން އެހީމެވެ.

"ސިޓިންރޫމުން ކުއްޖަކު ރޯއަޑު އެބަ އިވޭ!" ނަޔާޝީންގެ އަޑު ތުރުތުރުއަޅައެވެ.

އަހަރެން ހޭލިއިރު އެއްވެސް އަޑެއް ނީވެއެވެ.

"ކައިރިކައިރީގަ ގެތައް ހުންނައިރު ކޮންމެ ގެއަކުން ވެސް ރޯއަޑު އިވިދާނެއްނު،" އަހަރެން ބުނީމެވެ. "އެއީ އެއްވެސް ކަމެއް ނޫނޭ. ލޯމަރައިލައިގެން އޮވޭ. އިރުކޮޅަކުން ނިދިދާނެ."

އަހަރެން ބާލީހުގައި ރަނގަޅަށް ބޯއަޅައިލީމެވެ. އެ ވަގުތު ކުއްތާއެއް ވައްވައްޖަހައިގަތް އަޑު އިވުނެވެ. ސިއްސައިގެންގޮސް ނަޔާޝީނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. އެއްފަހަރު ގޮވައިލުމަށް ފަހު ދެން ކުއްތާގެ އަޑެއް ނީވެއެވެ. ޔަގީނުން ވެސް އަޑު އައީ ބޮޑުކޮޓަރީންނެވެ. އެއީ ބިރުވެރި ވަގުތުކޮޅެކެވެ. އެހެންނަމަވެސް، އަހަރެން ބިރުގެންފިއްޔާ ނަޔާޝީން މާ ބިރުގަންނާނެއެވެ.

"އަންނާނަން ބަލާފަ!" ތެދުވަމުން އަހަރެން ބުނީމެވެ.

ނަޔާޝީން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ނުކުންނާކަށް އޭނަ ބޭނުމެއް ނޫނެވެ.

"ދޫކޮށްލަބަލަ!" އަހަރެން ބުނީމެވެ. "އެއްވެސް ކަމެއް ނޫނޭ އެއީ. ބިރުގަންނަންޏާ ވާނީ ގަންނަހާ."

އަހަރެންގެ އަތުން ނަޔާޝީން ދޫކޮށްލިއެވެ. ދޮރު ހުޅުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބޭރުގައި އޮންނާނީ ކޮން ސިފަޔަކަށް އޮތް ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެންނަމަވެސް، ބައެއް ފަހަރު ކެރޭކަން ދައްކަންޖެހެއެވެ. ބިރުކުޑަ ވާންޖެހެއެވެ. އިތުރު ގޮތެއް ނޯވެއެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވައިލީމެވެ. ބޮޑުކޮޓަރި އޮތީ އަނދިރިކޮށެވެ. ދިރުން ހުރި އެއްވެސް އެއްޗެއް އެ ތާކު ނެތެވެ. އެކަމަކު އަޑު އައީ އެ ތަނުންކަން އަހަންނަށް ކަށަވަރެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު ހިތް ހީވަނީ މޭ ފަޅައިފައި ނުކުމެދާނެހެންނެވެ. ކުއްލިއަކަށް މުޅި ތަން އަލިވެފައި މީހުންތަކެއް ހަޅޭއްލަވައިގަތް އިވުނެވެ. ހުރުވުނު ތަން ވެސް އަހަންނަށް ނޭނގުނެވެ. އެނބުރިލިއިރު ޓީވީ ހުރީ ހުޅުވިފައެވެ. ދައްކަނީ ފުޓުބޯޅަ މެޗެކެވެ. އަޑު ހުރީ ސަތޭކައިގައެވެ. އަހަރެން ރިމޯޓު ނަގައިފައި ޓީވީގެ އަޑު ސުމަކަށް ބަދަލުކޮށްލީމެވެ. ހިތަށްއެރިއެވެ. ކުރިން ވެސް އެ އިވުނީ ޓީވީން އައި އަޑުތަކެކެވެ. ޓީވީ އަމިއްލައަށް ހުޅުވިފައި ނިވެނީއެވެ. އަހަރުމެން ދުވަހަކު ވެސް ޓީވީގެ އަޑު ފަންސާހަކަށް ވުރެ މައްޗެއް ނުކުރަމެވެ. އަމިއްލައަށް ޓީވީ ހުޅުވޭއިރު އަޑު އެހާ ގަދަވެފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ޓީވީ ނިއްވައިލައިފައި އަހަރެން ކޮޓަރިއަށް ވަނީމެވެ.

"ޓީވީ ހުޅުވެނީ،" އަހަރެން ބުނީމެވެ. "އަމިއްލައަށް."

ނަޔާޝީނާ ވާހަކަދައްކަން ހުއްޓައި އަނެއްކާ ވެސް ޓީވީ ހުޅުވިގެން ލަވަ އަންނަ އަޑުއިވުނެވެ. އަޑު ވަރަށް ބާރެވެ. އަހަރެން ދުވެފައި ނުކުތީމެވެ. ޓީވީ ނިއްވައިލައިފައި ކަރަންޓު ކަނޑައިލީމެވެ. ކުޅިވަރު ނިމުނީ އެ ހިސާބުންނެވެ.

ޖެހިގެން އައި ރޭ ވެސް ހަމަ އެ ކުޅިވަރު ފެށުނެވެ. އެ ކަމެއް ފެށެނީ ކުރިން ނަބީލު ހޭލައިގެން ރުއި ވަގުތުގައެވެ. ޓީވީ ހަމައެކަނި ހުޅުވެނީކީ ނޫނެވެ. ހުޅުވިފައި ހުއްޓައި ޗެނަލު ވެސް ބަދަލުވެއެވެ. ރިމޯޓުން ބެޓެރި ނެގީމައި މައްސަލަ ޙައްލުވެއެވެ. ފަހުން އެނގުނު ގޮތުގައި އެ ކަހަލަ ރިމޯޓަށް އެ މައްސަލަ ދިމާވެއެވެ. އަހަރެން އެހެން ރިމޯޓެއް ގެނައިމަ ވެސް ބަދަލެއް ނައެވެ. އަމިއްލައަށް ޓީވީ ހުޅުވޭ ސަބަބާއި، ޓީވީގެ އަޑު އަމިއްލައަށް ސަތޭކައަށް އަރައިފައި ހުންނަ ސަބަބެއް ވެސް ނޭނގުނެވެ. އެންމެ ފަހުން، ރޭގަނޑު ޓީވީ ބެލުން ހުއްޓައިލީމެވެ. ރޭގަނޑު ހަތަރުދަމު ބަހައްޓަނީ ޤުރުއާން ޗެނަލަށް އަޅުވައިފައެވެ. ނިއްވައިލަނީ އިރުއެރީމައެވެ. މެދުނުކެނޑި އެއް އަހަރު ވަންދެން އެ ގޮތަށް ކަންތައް ކުރީމެވެ. ފަންޑިތަވެރިއެއް ގާތަށް ވެސް ދިޔައީމެވެ. އޭނަ ބުނިގޮތުގައި ރުހުމުގައި އުފެދިފައިވާ ގުޅުމަކަށް ވީތީ، ޖިންނި ދުރުކުރަން ވަގުތު ނަގާނެއެވެ.

ދުވަސްކޮޅެއް ފަހުން ނަބީލުގެ ގައިން ރަތްކުލައިގެ ފޮޅުތަކެއް ނަގަން ފެށިއެވެ. މުޅި ގަޔަށް ފެތުރުނު އެ ފޮޅުގައި ޒާތެއްގެ ހޫނުކަމެއް ހުރެއެވެ. ފޮޅުތައް ނަގައިފައި ނަބީލު ހުންއައެވެ. އޭރު އަހަރުމެން ހީކުރީ ޑެންގޫހުން ކަމަށެވެ. ޑޮކްޓަރަށް ދެއްކީމެވެ. ޑެންގޫއަކަށް ނުވިއެވެ. އެކަމަކު ކޯޗެއްކަމެއް ޑޮކްޓަރަކަށް ނޭނގުނެވެ. ޖިންނި ފަރާތުގެ ކަމެއްކަން އެނގޭ އެންމެ ފުރަތަމަ އަލާމާތަކީ، މީހާއަށް ޖެހިފައިވާ ބަލީގެ ނަން ޑޮކްޓަރުންނަށް ނޭނގުމެވެ. ޑޮކްޓަރުންގެ ފަރުވާއިން ބައްޔަށް އަސަރެއް ނުކުރުމެވެ. އެ ކަން ވެސް އޭރަކު ނޭނގެއެވެ. އެލާޖީއެއްކަމަށް ބަލައިފައި ޑޮކްޓަރު ދިން ބޭސް އުނގުޅުމުން ވަގުތީ ޙައްލެއް ލިބުނެވެ. ފޮޅުތައް މައިތިރިވިއެވެ. އިރުކޮޅަކުން އަނެއްކާ ވެސް ނަގައެވެ. އެ ބޭސް ނޫނގުޅިޔަސް ވަނީ އެ ވަރެވެ. ވަކި ގަޑިއަކަށް ފޮޅުތައް އޮބިފައި ވަކި ގަޑިއަކަށް ފޮޅުނަގައެވެ. ފޮޅު ނަގަނީ ނަބީލާއި ހަމީދުބެ ދިމާވި ގަޑީގައެވެ. އެ ކަން ވެސް ވިސްނުނީ ފަހުންނެވެ.

ފަންޑިތަހަދާ މީހާގެ ލަފާ ހޯދި ނަމަވެސް އަހަރުމެން ފަންޑިތައެއް ނަހަދަމެވެ. އޭނަ ނިންމިގޮތުގައި ނަބީލާ އަވަލަވައިފައިހުރީ ޖިންނީންގެ ތެރެއިން ކުޑަ އެއްޗެކެވެ. އެކަމަކު ނަބީލަށް ވުރެ ދޮށްޓެވެ. އަހަރުމެންނަށް ހިތްވަރު ކުރެވިއްޖެއްޔާ ނަބީލު ސަލާމަތް ކުރެވޭނެއެވެ. އޭނަގެ އެދުމުގެމަތިން ފަރުވާއަކަށް އަހަރުމެން ހަމައެކަނި ބޭނުންކުރީ ކީރިތި ޤުރުއާނެވެ. ވަކި ތަރުތީބަކުން ކިޔާ ޚާއްޞަ އާޔަތްތަކެކެވެ. ނަޔާޝީން ކޮންމެ ރެޔަކު އެ ސޫރަތްތައް ކިޔަވައެވެ. އެންމެ ރެޔެއް ވެސް ވައްޓައިނުލައެވެ. ކެއުމެއް ބުއިމެއް، ނިންޖެއް އަރާމަކަށް ނަޔާޝީން ނުބަލައެވެ. ދިމާވާ ކަމަކުން އޭނަޔަށް ނުކިޔޭ ހާލަތެއް އަތުވެއްޖެއްޔާ އަހަރެން ކިޔަމެވެ. އޭގެ އިތުރަށް ޤުރުއާން ޖަހަމެވެ. ރެޔާއި ދުވާލު ޤުރުއާންގެ އަޑު އަހަރުމެންގެ އެޕާޓުމަންޓުން އިވޭނެއެވެ.

ޖުމުލަ ދެ އަހަރަށް ފަހު މިހާރު ފޮޅުނެގުން ހުއްޓިއްޖެއެވެ. ރުއިމާއި، ބިރުގަތުމާއި، ރުޅިއައުން ވެސް ހުއްޓިއްޖެއެވެ. އެންމެ ކުރިން އަހަރުމެން ދުށް ނަބީލު އަނބުރައި ލިބިއްޖެއެވެ. ހަމީދުބޭގެ ނަން ނަބީލަށް އިވޭ ހިސާބުގައި ކިޔުން މިހާރު މަނާވާނެއެވެ. ނަބީލުގެ ސިކުނޑިން އެ ނަން ފުހެލީމެވެ. އާންމު ދިރިއުޅުމެއް އުޅެމުންއަންނަ ނަބީލަކީ މިހާރު ތޫނުފިލި، މުރާލި ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިންނާ ދާދި އެއް މިޒާޖެއްގެ ކުއްޖެކެވެ. ހުނަރުވެރި ކުރެހުންތެރިއެއް ވެސް މެއެވެ.

ނިމުނީ