14 ޖުލައި 2016 - 14:03

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ހުޅުދާން" ގެ ތިްނ ޝޯއެއް ޝްވެކް ސިނަމާގައި ދައްކަން ޕްލޭންކޮށްފައިވާ އިރު، ފިލްމުގެ ފުރަތަމަ ޝޯ މިރޭ ދައްކާނެ އެވެ.
ޝްވެކް ސިނަމާގައި "ހުޅުދާން" ދައްކަން މިހާރު ހަމަޖައްސައިފައި ވަނީ މިރޭގެ އިތުރުން މިމަހުގެ 21 އަދި 28 ގަ އެވެ.
އެހެން ނަމަވެސް ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރި "ހުޅުދާން" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. އެކަމަކު އޮލިމްޕަހުގައި ދެއްކީ ފިލްމުގެ ސްޕެޝަލް ސްކްރީނިންއެއް އެކަންޏެވެ. އަދި މިދިޔަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި "ހުޅުދާން" ވާދަ ކުރި އެވެ.
"ހުޅުދާން" ލިޔެ، ޑައިރެކްޓް ކުރީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
ފިލްމުގައި ކިޔައި ދެނީ އުމުރުން ދުވަސްވީ މީހަކު ވަޒީފާއިން މުސްކުޅި ކުރުމާ ގުޅިގެން އޭނާގެ ހަޔާތަށް ކުރިމަތިވާ ހާދިސާތަކެކެވެ.
އިޖުތިމާއީ ގިނަ މައްސަތަކެއް ދައްކުވައިދޭ "ހުޅުދާން" އަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ތަޖުރިބާކާރު އެކްޓަރު ހަސަން މަނިކު (ރޯނު) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިދަމުން އަންނަ ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި ރަވީ ފާރޫގާއި މަރިޔަމް ޝަކީލާ އާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި އަލީ ޝަޒްލީމާއި އާދަމް ރިޒްވީ (ރެކްސް) އާއި ފާތުމަތު ސަމާ އާއި އަލީ ނާޝިތު އަދި މޮގާގެ އަންހެން ދަރިފުޅު ކައިލީން މުހައްމަދު އަލީ ހިމެނެ އެވެ.