10 ފެބުރުއަރީ 2018 - 23:47

ރާމުﷲ (ފެބްރުއަރީ 10) - ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތާއީދު ކުރައްވައިފި އެވެ.
ހުޅަނގު އައްސޭރީގެ ރާމުﷲ އަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މޯދީ ވިދާޅުވީ މަޝްވަރާތަކުގެ ތެރޭން އުފެދޭ ފަލަސްތީނުގެ ދައުލަތަކަށް އިންޑިއާ އިން ތާއީދު ކުރާނެ ކަމަށެވެ. މިއީ އިންޑިއާގެ ބޮޑު ވަޒީރަކު ފަލަސްތީނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މޯދީގެ ދަތުރުފުޅުގައި ކުރިން ވަނީ ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲ އާއި ބައްދަލު ކުރައްވާ އަދި ޔާސިރު އަރަފާތު މިއުޒިމަށް ވަޑައިގެންފަ އެވެ. މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު އިންޑިއާ ވާކަމަށް ވިދާޅުވެފަ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި މޯދީ ފަލަސްތީނަށް ވަޑައިގެންނެވީ މެދުއިރުމަތީގައި އިންޑިއާގެ ޚާރިޖީ ސިޔާސަތު ބެލެންސް ކުރަން ކަމަށެވެ. ފަލަސްތީނަށް ވަޑައިގަތުމުގެ ކުރިން މޯދީ ވަނީ ޖޯޑަން އަށް ވަޑައިގެން ރަސްގެފާން އަބްދުﷲއާ ބައްދަލު ކުރައްވައިފަ އެވެ. އަދި މޯދީގެ ދަތުރުގައި ޔޫއޭއީ އާއި އޮމާނަށް ވެސް ވަޑައިގަންނަވާނެ އެވެ.
މޯދީ ފަލަސްތީނަށް ވަޑައިގެންފައި މިވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން އިންޑިއާ އަށް ހަ ދުވަހުގެ ދަތުރެއް ކުރައްވާފައި ވަނިކޮށެވެ. މޯދީ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިޒްރޭލަށް ވަޑައިގެންފަ އެވެ.
އިންޑިއާ އާއި އިޒްރޭލުން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ. ނަމަވެސް ހިންދޫގެ ބާރަތިޔާ ޖަނަތާ ޕާޓީ 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައި ފަހުން އިޒްރޭލާ އެކު ގުޅުން ވަނީ ބަދަހި ކުރަން ފަށައިފަ އެވެ. އެކަމަކު އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމާ ދެކޮޅަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ޑިސެމްބަރު މަހު ނެގި ވޯޓުގައި އިންޑިއާ އިން ވޯޓު ދީފައި ވަނީ ޓްރަމްޕުގެ ނިންމެވުމާ ދެކޮޅަށެވެ.
އިޒްރޭލުން މިހާރު އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމަކީ އިންޑިއާ އެވެ. އިޒްރޭލުން ގަންނަ ހަތިޔާރަށް އިންޑިއާ އިން އަހަރަކު އެއް ބިލިއަން ޑޮލަރު ޚަރަދު ކުރެ އެވެ.