10 ފެބުރުއަރީ 2018 - 20:32

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސް ދައުރެއް އަދާކުރެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި ފަހުން، އަމީން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިިއިރު މަލީހުގެ މަގާމުން އޭނާ ވަކިކުރެއްވީ ރައީސް ޔާމީނެވެ.

"ޑރ. ޖަމީލްގެ ޓީމު"ގެ ގޮތުގައި މަޝްހޫރު މި ތިން ބޭފުޅުން ވަނީ 2013 ގެ ރިޔާސީ ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ ސަރުކާރު ތެރޭގައި ހިނގާ ބައެއް ކަންކަމާ ހިތްހަމަޖެހިވަޑައިނުގަތުމުން، ޖަމީލް ބެހެއްޓީ އެއް ކައިރިކޮށްފަ އެވެ.

ޖަމީލް އިނގިރޭސި ވިލާތުގައި އަރުވާލެވިގެން އުޅުއްވަނީ ބޭސްފަރުވާއަށް ސްރީ ލަންކާއަށް ވަޑައިގެންނެވި ގޮތަށެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެފަހަރު އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަ ނިންމާފައި އޮތީ ހައްޔަރުކުރާ ގޮތަށެވެ.
ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެންނެވެ. އެކަމަކު އެއީ ގާނޫނުއަސާސީއާ ހިލާފަށް ނެގި ވޯޓެއް ކަމަށް ޖަމީލް ވިދާޅުވެ އެވެ.
ޖަމީލާއި މަލީހު އަދި އަމީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖަރުމަނުގެ ފްރެންކްފާޓްގައި މި މަހު 2 ގަ އެވެ.
މި ތިން ބޭފުޅުންގެ އިތުރުން އިނގިރޭސި ވިލާތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޝާހު މާހިރާއި ކުރީގެ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވެސް ވަނީ ޖަރުމަނުގައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.